ހުޅުމާލޭގައި މެދުފަންތީގެ އާއިލާތަކަށް 1،000 ހައުސިންގ ޔުނިޓު އެޅުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން އިތުރު 1،000 ޔުނިޓު އެޅުމަށް ސޮއިކުރެވޭނެ ކަމަށް އުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން އެމްއެމްޓީވީގެ "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެފޯޑަބަލް ހައުސިންގ ސްކީމުގެ ދަށުން އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ތިން ކޮޓަރީގެ ޔުނިޓެއް 2.3 މިލިއަން ރުފިޔާއަށާއި ދެ ކޮޓަރީގެ ޔުނިޓެއް 1.8 މިލިއަން ރުފިޔާއަށް ލިބޭނެ ކަމަށާއި، ބާޒާރުގައި މިހާރު ހުރި އަގުތަކާ އަޅާބަލާއިރު މިއީ ރަނގަޅު އަގެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަތޮޅުތެރޭގައި އަޅާ ޔުނިޓުތަކުގެ 60 އިންސައްތަ 1.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުނުވާ އަގެއްގައި ވިއްކުން ލާޒިމުކޮށްފައިވާ ކަމަށާއި، އެގޮތުން އައްޑޫ ސިޓީގައި 500 ޔުނިޓާއި ފުވައްމުލަކު ސިޓީގައި 250 ޔުނިޓު އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، މެދުފަންތީގެ ފަރާތްތަކަށް އަމިއްލައަށް ގެދޮރު ގަތުމުގެ ފުރުޞަތު ފަހިވުމުން، އެންމެ ނިކަމެތި ރައްޔިތުންނަށް އިޖުތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް މަގުފަހިވާނެއެވެ.
މީގެ އިތުރުން، ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯގެ 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ މިންވަރެއް އިޖުތިމާޢީ ބޯހިޔާވަހިކަމަށް ޚާއްޞަކުރަން ލާޒިމުވާ ގޮތަށް މަރުކަޒީ ބޭންކުގެ އުސޫލުތައް ބަދަލުކުރުމުން، ބޭންކް އޮފް މޯލްޑިވްސްއިން ބީއެމްއެލްއޭގެ ނަމުގައި ކުންފުންޏެއް އުފައްދައި، ކުއްޔަށް ދައްކަމުން ގޮސް މިލްކުވާ އުސޫލުން 4،000 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ކުރިއަށްގެންދަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން އެ ޔުނިޓުތަކުގައި މީހުންނަށް ދިރިއުޅެވޭ ވަރުކުރުމަކީ ސަރުކާރުގެ އަމާޒެވެ.
އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް 5 އިންސައްތަ ފައިދާގައި ދޫކުރާ ލޯން ސްކީމުގެ ދަށުން މިހާތަނަށް 850 އަށްވުރެ ގިނަ ލޯނު ދޫކުރުމަށް ނިންމައި، 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ވަނީ ދޫކޮށްފައެވެ.
ގެދޮރު އެޅުމަށާއި ގަތުމަށް ނަގާ ލޯނަށް ބޭނުންވާ އިކުއިޓީ ހަމަޖައްސައިދިނުމަށް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ 750 މިލިއަން ރުފިޔާއާއި ހައުސިންގ ފަންޑުގައި ހުރި ފައިސާއާއެކު ޖުމްލަ 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި، ބޭންކުތަކުން ލޯނު ދޫކުރަން ނިންމައިފިނަމަ 5،000 އާއިލާއަކަށް އެ އެހީ ފޯރުކޮށްދެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.





