ރާއްޖެއަށް އެތެރެކުރާ ބޭހުގެ 70 އިންސައްތަ މިހާރު ކޮންޓްރޯލްކުރަނީ އަމިއްލަ ވިޔަފާރިތަކުން ކަމަށާއި، ބޭހުގެ ކޮންޓްރޯލް ދައުލަތުގައި އޮންނަން ޖެހޭ ކަމަށް ދައުލަތުގެ ބޭސް ކުންފުނި ސްޓޭޓް ފާމާގެ ސީއީއޯ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން އެމްއެމްޓީވީގެ "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ، ބޭހާއި ޞިއްޙީ ސާމާނު ލިބުމުގައި ދިމާވާ ދަތިތަކަކީ ކުރީގެ ސަރުކާރުތަކުގައި ވެސް ހުރި މައްސަލަތަކެއް ނަމަވެސް، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ޚާއްޞަ ކުންފުންޏެއް އުފެއްދީ މި ސަރުކާރުން ކަމަށެވެ.
ބޭހުގެ މާކެޓު ކޮންޓްރޯލް ދައުލަތަށް ގެނައުމުގައި އަމިއްލަ ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ނުވާނެ ގޮތަށް، އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަމުން ދާ ކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ.
ބޭހުގެ އަގު އުފުލެން މެދުވެރިވާ މައިގަނޑު ސަބަބުތަކަކީ މެދުވެރިން މެދުވެރިކޮށް ބޭސް ގެނައުމާއި ކުދިކުދި އޯޑަރުތަކުގެ ގޮތުގައި ބޭސް އެތެރެކުރުން ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ. އޭގެ ހައްލަކީ ކުރިއަށް އޮތް އަހަރަށް ބޭނުންވާނެ ބޭހުގެ މިންވަރު ދުރާލައި އަންދާޒާކޮށް، އަހަރު ނިމުމުގެ ކުރިން އެއްފަހަރާ ބޭސް އެތެރެކޮށް ސްޓޮކްކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖެނެރިކް ބޭހުގެ އިތުރުން މަތީ ފެންވަރުގެ ބްރޭންޑެޑް ބޭސް ގެނައުމަށް ސެނަފީ އަދި އެސްޓްރާޒެނެކާ ފަދަ ދުނިޔޭގެ މަޝްހޫރު ކުންފުނިތަކާއެކު ކޮންޓްރެކްޓުތައް ހަދާފައިވާ ކަމަށާއި، އެ އެއްބަސްވުންތަކުގެ ދަށުން ވެކްސިނާއި އަސާސީ ބޭސްތައް ބަލްކުކޮށް އެއްފަހަރާ ގެނެވޭނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
މީގެ އިތުރުން ޔޫއެންޑީޕީ ފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ ގުޅިގެން ވެސް ބޭސް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.





