ދިވެހި އިޤްތިޞާދުން ރައްޔިތުންނަށް ލިބޭ މަންފާ ފުޅާކުރުމުގެ ގޮތުން، ބިދޭސީންނަށް ވިޔަފާރިކުރުން މަނާ ދާއިރާތަކަށް 17 ދާއިރާއެއް އިތުރުކޮށް، ފާއިތުވި ތިން އަހަރުގެ ތެރޭގައި ސަރުކާރުގެ ލުއި މާލީ އެހީތެރިކަމާއެކު 2،771 އައު ދިވެހި ވިޔަފާރިއެއް އުފައްދައިދީފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި އެމްއެމްޓީވީގެ "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ތިން އަހަރުގެ ތެރޭގައި ޖުމްލަ 4،061 ލޯނު އެޕްލިކޭޝަނެއް އެޕްރޫވްކުރިއިރު، އޭގެ ތެރެއިން 2،771 ލޯނަކީ މުޅިން އަލަށް ވިޔަފާރި ފެށުމަށް ދޫކުރި ލޯނު ކަމަށެވެ. ދިވެހި ވިޔަފާރިތަކަށް މާލީ އެހީ ދިނުމަށް 1.3 ބިލިއަން ރުފިޔާގެ ފެސިލިޓީ ދޫކުރެވުނުއިރު، އޭގެ ތެރެއިން ބައި ބިލިއަނެއްހާ ރުފިޔާ ދޫކުރީ ސީދާ އަލަށް އުފެދުނު ވިޔަފާރިތަކަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ފާއިތުވި ތިން އަހަރުގެ ތެރޭގައި 25،000 އަށްވުރެ ގިނަ ވިޔަފާރި ރަޖިސްޓްރީކޮށްފައިވެއެވެ.
ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ދިވެހިންނަށް ޚާއްޞަކޮށް އަލަށް ކަނޑައެޅި 17 ދާއިރާގެ ތެރޭގައި ރީޓެއިލް ވިޔަފާރި ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިން ދިވެހި ވިޔަފާރިތަކަށް ޚާއްޞަކޮށްފައި އޮތީ ފަސް މިލިއަން ޑޮލަރަށްވުރެ ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތައް ނަމަވެސް، މިހާރު 15 މިލިއަން ޑޮލަރާ ހަމައަށް އެ އަދަދު މަތިކޮށްފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ދިހަ މިލިއަން ޑޮލަރަށްވުރެ ދަށުގެ ރިސޯޓު ކޮންސްޓްރަކްޝަން މަސައްކަތްތަކާއި، 100 މިލިއަން ޑޮލަރަށްވުރެ ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތަކާއި، ލޮޖިސްޓިކްސް، އޮފީސް އެޑްމިނިސްޓްރޭޝަން، ބަންކަރިންގ، ޝާއިޢުކުރުން، ކަނޑުދަތުރުފަތުރު އަދި އިވެންޓް މެނޭޖްމެންޓް ފަދަ ޚިދުމަތްތައް ވެސް ދިވެހިންނަށް ޚާއްޞަކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޤަވާޢިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ޚާއްޞަ ޓާސްކްފޯހެއް އުފައްދައި، ފުލުހުންނާއި އިމިގްރޭޝަނާ ގުޅިގެން 771 އިންސްޕެކްޝަނެއް ހިންގާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އެ އިންސްޕެކްޝަންތަކުގެ ތެރެއިން ޤަވާޢިދާ ޚިލާފަށް ބިދޭސީން ހިންގަމުންދިޔަ 114 ވިޔަފާރިއެއް ބަންދުކުރިއިރު، ޤަވާޢިދަށް ފެއްތުމުން އޭގެ ތެރެއިން 75 ވިޔަފާރިއަކަށް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށާއި، ބާކީ ތަންތަން އަދިވެސް ހުރީ ބަންދުކޮށްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހުއްދަ ނެތި އުޅުނު ބިދޭސީން ދެނެގަނެ، އެ ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.





