މަޝްރޫޢުތައް ނިމުމުން އިތުރު ކޯލްޑް ސްޓޮރޭޖެއް ބިނާކުރަން ނުޖެހޭނެ: މިނިސްޓަރު ޝިޔާމް

މަސް ތާޒާކަންމަތީ ގިނަ ދުވަހަށް ރައްކާކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ނިމުމުން، ރާއްޖޭގެ މަސްވެރިކަމުގެ ޙާލަތާއި ލިބިފައިވާ ކޯޓާއަށް ބަލާއިރު އިތުރު ކޯލްޑް ސްޓޮރޭޖެއް ބިނާކުރަން ނުޖެހޭ މިންވަރަށް ޖާގަ ތަނަވަސްވާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ބޭއްވި "ހަފްތާ 156" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މިފްކޯއާއި އަމިއްލަ ފަރާތްތަކުގެ ފެސިލިޓީތަކާއި އުޅަނދުފަހަރު ހިމެނޭހެން މުޅި ރާއްޖޭގައި ހުރީ އެންމެ 9،500 މެޓްރިކް ޓަނުގެ މަސް ރައްކާކުރުމުގެ ޤާބިލުކަން ކަމަށެވެ. މަޝްރޫޢުތައް އެއްކޮށް ނިމުމުން، އެ މިންވަރު 25،000 މެޓްރިކް ޓަނަށް އުފުލިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުން ފެށިގެން އެންމެ ދެކުނުން އައްޑޫ ސިޓީއާ ހަމައަށް ކޯލްޑް ސްޓޮރޭޖް ނެތް ސަރަހައްދުތަކުގައި އަލަށް ވަސީލަތްތައް ޤާއިމުކުރުމާއި، މިހާރު ހުރި ތަންތަނުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.

ޝިޔާމް ވިދާޅުވީ، މޫސުމީ މަސްވެރިކަމެއް އޮންނަ ޤައުމަކަށް ބަލާއިރު 9،500 ޓަނަކީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި، ސްޓޮރޭޖް ނެތުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ކޮންމެ އަގެއް ހުއްޓަސް މަސް ބޭރުކުރަން މަޖުބޫރުވާ ކަމަށެވެ. އެކަށީގެންވާ ސްޓޮރޭޖް ހުރުމުން، ބައިނަލްއަޤްވާމީ ބާޒާރުން އެންމެ ރަނގަޅު އަގު ލިބެންދެން މަސް ރައްކާކޮށްފައި ބެހެއްޓުމުގެ ފުރުޞަތު ލިބި، އޭގެ ފައިދާ ސީދާ މަސްވެރިންނަށް ކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާއިން ޤައުމަށް ލިބޭ އާމްދަނީ އިތުރުކުރެވެން އޮތީ މަސް ޕްރޮސެސްކުރެވޭ މިންވަރާއި ގަނޑުކޮށްގެން ރައްކާކުރެވޭ މިންވަރު މަތިކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. ކުރީގެ ސަރުކާރުތަކުގައި މި ދާއިރާ ތަރައްޤީކުރުމަށް އެކަށީގެންވާ ދުރުރާސްތާގެ ޕްލޭންތަކެއް އެކުލަވާލެވި އިންވެސްޓްމަންޓްތަކެއް ކޮށްފައި ނެތުމުގެ ސަބަބުން، މަސްވެރިކަމުން ލިބެންޖެހޭ ޙަޤީޤީ މަންފާ ދިވެހި އިޤްތިޞާދަށް ލިބިފައި ނުވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ތާރީޚުގައި ވެސް ނުކުރާ މިންވަރުގެ ބޮޑު ހޭދައެއް މަސްވެރިކަމުގެ ސިނާޢަތަށް ކުރަމުންދާ ކަމަށާއި، ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި ފަސް ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ޚަރަދުކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް