މިއަހަރު ދައްކަންޖެހުނު ދަރަނީގެ ބޮޑު ބައެއް ދައްކައިފި: މިނިސްޓަރު ޒަރީރު

މިއަހަރު ދައްކަންޖެހުނު 12 ބިލިއަނެއްހާ ރުފިޔާގެ ދަރަނީގެ ބޮޑު ބައެއް ދައްކައި، ސުކޫކުގެ 500 މިލިއަން ޑޮލަރުގެ ދަރަނި ވެސް އަދާކުރެވުނީ ދުރާލާ ރާވައި ތައްޔާރުވެވުނީތީ ކަމަށް މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ބޭއްވި "ހަފްތާ 156" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޒަރީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ބަޖެޓުގައި ހިމެނޭ މަޝްރޫޢުތައް ހަލުވިކަމާއެކު ނިންމުން ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 3،000 އަށް ވުރެ ގިނަ މަޝްރޫޢު ކުރިއަށްދާ ކަމަށެވެ. އޭގެ ތެރެއިން 70 އިންސައްތަ މަޝްރޫޢު އެއްކޮށް ނިންމުމަށް އެންމެ ބޮޑު އިސްކަމެއް ދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މަޝްރޫޢުތައް ހިނގާ ގޮތް ވަގުތުން ބެލުމަށްޓަކައި މާލީ ވުޒާރާ ހިމެނޭ ގޮތަށް ހުރިހާ މިނިސްޓްރީ ތަކެއްގައި ޚާއްޞަ ޕްރޮޖެކްޓް މެނޭޖްމަންޓް ނިޒާމުތައް ގާއިމުކޮށްފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ސަރުކާރާ ހަވާލުވުމުގެ ކުރިން އިންތިގާލީ މަރުހަލާގައި ހުށަހެޅި މާލީ ހާލަތުގެ ޕްރެޒެންޓޭޝަނުގައިވެސް މިއަހަރަކީ ދަރަނި އަދާކުރުމަށް އާދަޔާ ހިލާފު ބޮޑު ހަރަދެއް ކުރަންޖެހޭ އަހަރެއްކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުން ފެށިގެން އެންމެ ބޮޑަށް ސަމާލުކަން ދެއްވީ ސުކޫކުގެ ދަރަނި ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސޮވެރިން ފަންޑަކީ ދަރަނި ދެއްކުމަށް ކަނޑައެޅިފައިވާ ފައިސާއެއް ޖަމާކުރެވި ދަރަނި ދެއްކުމާ ހަމައަށް އަންނައިރު އެކަމަށް ހާއްސަކުރެވިފައިވާ ފަންޑެއް. އޭޕްރީލުގައި 500 މިލިއަން ދެއްކުނުއިރު އެ ފަންޑު ހުރީ 350 މިލިއަން ޑޮލަރަށް އިތުރުކުރެވިފައި،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ބޭނުންވި ބާކީ އަދަދު ރިޒާވުގެ ތެރެއިން ދެއްކޭނެ އިންތިޒާމު ކުރިން ރާވާފައި ހުރި ކަމަށާއި، މިއަހަރު އިތުރު 100 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށެވެ. ދާދިފަހުން ޓީބިލަށް ދެއްކި 50 މިލިއަން ޑޮލަރު ވެސް ދައްކާފައިވަނީ ސޮވެރިން ފަންޑުގެ ތެރެއިން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރަސްމީ ރިޒާވު އިތުރުކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިއަހަރުގެ އޭޕްރީލު މަހާ ހަމައަށް ރިޒާވު 1.3 ބިލިއަން ޑޮލަރަށް އެރި ކަމަށާއި، ބޮޑެތި ދަރަނިތައް އަދާކުރިއިރުވެސް މުވައްޒަފުންނަށް މުސާރަ ދިނުމާއި ސަބްސިޑީތަކާއި އެހެނިހެން އެހީތައް ފޯރުކޮށްދިނުމުގައި އެއްވެސް ތާށިކަމެއް ނާދޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން އައުން ވަރަށް ބޮޑަށް ދަށްވެ، ތެލުގެ އަގު ބޮޑުވެ ހަރަދުތައް އިތުރުވި ނަމަވެސް ކަންކަން މެނޭޖުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ކަންކަން ކައިރިން ބައްލަވަމުން ގެންދެވުމުގެ ސަބަބުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ އިޤްތިޞާދީ ތަރައްޤީގެ އަސާސީ ވަސީލަތްތައް ގާއިމުކުރުމަށެވެ. އެ ދާއިރާއަށް ބަޖެޓުގައި 3.07 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް