ރަސްމާލޭ މަޝްރޫޢާ ގުޅުންހުރި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގެ މަސައްކަތް ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ކުރިން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ބިލަށް އާންމުންގެ ޚިޔާލު ހުށަހެޅުމަށް ދެ ހަފުތާގެ މުހުލަތެއް ދިނުމަށް ވެސް ވަނީ ފާސްކޮށްފައެވެ. އެގޮތުން ޚިޔާލު ހުށަހަޅަން ފުރުޞަތު ހުޅުވާލާފައިވަނީ ޑިސެމްބަރު 2 ގެ 14:00 އާ ހަމައަށެވެ.
ބިލަށް ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ފަރާތްތަކަށް، އެ މުއްދަތުގެ ކުރިން ކޮމިޓީއަށް މެއިލް ކުރުމުގެ ނުވަތަ މަޖިލިސް އިދާރާއަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު ލިބޭނެއެވެ.
މީގެ އިތުރުން، އިކޮނޮމިކް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި ވިޒިޓް މޯލްޑިވްސް ފަދަ ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ޚިޔާލު ލިޔުމުން ހޯދުމަށް ވެސް ކޮމިޓީން ވަނީ ނިންމާފައެވެ.
މި ބިލު ހުށަހަޅުއްވާފައިވަނީ ވެރިކަންކުރާ ޕީއެންސީގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާނެވެ. ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވީ އިއްޔެއެވެ.





