ޗައިނާގެ ޓިއަންޖިންގައި ބާއްވާ ކާބޯތަކެތީގެ މައުރަޒެއްގައި ބައިވެރިވުމަށް ދިވެހި ކުންފުނިތަކަށް ހުޅުވާލައިފި

ޗައިނާގެ ޓިއަންޖިންގައި 2027 ވަނަ އަހަރުގެ އެޕްރީލް މަހު ބާއްވާ "2 ވަނަ ޓިއަންޖިން އިންޓަނޭޝަނަލް އިމްޕޯޓެޑް ފުޑް އެންޑް އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް އެގްޒިބިޝަން" (ސީފާ 2027)ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ހުޅުވާލައިފިއެވެ.

އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، 2027 ވަނަ އަހަރުގެ އެޕްރީލް 22 އިން 24 އަށް ކުރިއަށްދާ މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ހުޅުވާލެވިފައިވާ ކަމުގެ މައުލޫމާތު ޗައިނާގެ ސަރުކާރުން އެ މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ. މައުރަޒުގައި ރާއްޖޭގެ ކުންފުނިތަކާއި ސިނާއީ އެކި ދާއިރާތަކުން ބައިވެރިވުމަށް، މައުރަޒު އިންތިޒާމުކުރާ ފަރާތުން ދައުވަތު ދީފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މި މައުރަޒު ބާއްވާ މައިގަނޑު މަގުސަދަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އުފެއްދުންތެރިންނާއި މުދާ އެކްސްޕޯޓްކުރާ ފަރާތްތައް، ޗައިނާގެ އިމްޕޯޓަރުންނާއި މުދާ ގަންނަ ފަރާތްތަކާ ގުޅުވައިދިނުމެވެ. މިއީ ދިވެހި ވިޔަފާރިތަކަށް ޗައިނާގެ ބޮޑު މާކެޓަށް ވަދެ، ވިޔަފާރީގެ އާ ގުޅުންތައް ގާއިމުކުރުމަށާއި ބައިނަލްއަގުވާމީ ފެންވަރުގައި އުފެއްދުންތައް އިޝްތިހާރުކުރުމަށް ލިބޭ ފުރުސަތެއް ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އިންތިޒާމުކުރާ ފަރާތުގެ [email protected] އަށް އީމެއިލްކޮށް އިތުރު މައުލޫމާތު ހޯދިދާނެއެވެ. ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށްފަހު، އެ މައުލޫމާތު [email protected] އަށް އީމެއިލް މެދުވެރިކޮށް ހިއްސާކުރުމަށް ވެސް މިނިސްޓްރީން އެދިފައިވެއެވެ.

މައުރަޒާ ގުޅޭ އިތުރު ތަފްސީލު މައުރަޒުގެ ރަސްމީ ވެބްސައިޓް www.cifaexpo.com އިން ލިބެން ހުންނާނެ ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް