ޓްރޭޑްމާކްގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2025) އަށް 11 ނޮވެންބަރު 2026 އިން ފެށިގެން ރަސްމީކޮށް އަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނީ ބާރު ލިބިގެންވާ ޓްރޭޑްމާކް ރަޖިސްޓްރީކުރުމުގެ ނިޒާމެއް ތައާރަފުވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ވުޒާރާއިން ބުނީ، މި ޤާނޫނު ތައާރަފުކުރުމަކީ ދިވެހި ބްރޭންޑްތަކާއި އުފެއްދުންތަކާއި ވިޔަފާރިތަކުގެ ނަމާއި އަމިއްލަވަންތަކަމާއި، އެ މަސައްކަތްތަކުގެ ފަހަތުގައިވާ އުފެއްދުންތެރިކަން ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ވުޒާރާއިން ހާމަކުރި ގޮތުގައި، މި ޤާނޫނުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކާއި ބްރޭންޑްތައް ކުރިއަރައި، ބައިނަލްއަޤްވާމީ މައިދާނުގައި ވާދަކުރުމަށާއި، އެހެން ފަރާތްތަކުން ތަކެތި ނަކަލުކުރުމުން ރައްކާތެރިވުމަށް ވަރުގަދަ ބިންގަލެއް އެޅިގެންދާނެއެވެ.
ޓްރޭޑްމާކް ރަޖިސްޓްރީކުރުމުގެ ނިޒާމު ހިންގައި ބަލަހައްޓާނީ މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުންނެވެ. ޓްރޭޑްމާކާ ބެހޭ ގަވާއިދުތައް އާންމުކުރުމާއެކު، ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާ ޕޯޓަލް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.





