އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު، ޕާކިސްތާނުގެ ދެ މިނިސްޓަރަކާއެކު އިއްޔެ ހެނދުނު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި، ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ފުޅާކޮށް އިގްތިސާދީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ޕާކިސްތާނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ފެޑެރަލް މިނިސްޓަރ ފޯ ކޮމާސް ޖާމް ކަމާލް ޚާނާއި ފެޑެރަލް މިނިސްޓަރ ފޯ މެރިޓައިމް އެފެއާޒް މުހައްމަދު ޖުނައިދު އަންވަރު ޗައުދަރީއެވެ.
ރާއްޖޭގެ ފަރާތުން މިނިސްޓަރު ސައީދުގެ އިތުރުން، އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހީމާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގު ވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، މިއީ ރަނގަޅު ނަތީޖާއެއް ނެރެވޭ ފަދަ ބައްދަލުވުމެއް ކަމަށާއި، ދެ ގައުމުގެ ވިޔަފާރި ވަރުގަދަކުރުމާއި އިގްތިސާދީ ގުޅުން އިތުރަށް ފުޅާކުރުމަށް ހުރި ފުރުސަތުތަކުގެ ބޭނުން ހިފޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
ދެ ގައުމުގެ ދެމެދު ކުރެވޭ ވިޔަފާރި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަކީ ދެ ގައުމުގެ އަމާޒެއްކަން މީގެ ކުރިން ވަނީ އިއުލާންކޮށްފައެވެ.
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ޕާކިސްތާނަށް ތިން ދުވަހުގެ ރަސްމީ ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ވެސް މަޝްވަރާކުރެއްވިއެވެ.





