ބޭރުގެ ދަރަނި ދެއްކުމާއެކު މިއަހަރު ރަސްމީ ރިޒާވު 16.9 އިންސައްތަ ދަށްވާނެ: ބަޖެޓު

ބޭރުގެ ބޮޑެތި ދަރަނިތައް އަދާކުރަން ޖެހުމާއެކު، މި އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވު ކުރީ އަހަރަށްވުރެ 16.9 އިންސައްތަ ދަށްވެ، 817.17 މިލިއަން ޑޮލަރަށް ދާނެ ކަމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފިއެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 984.6 މިލިއަން ޑޮލަރެވެ.

ބަޖެޓު ފޮތުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރިޒާވު ދަށްވާ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން މުދަލުގެ އަގުތައް އުފުލިފައިވާ ދަނޑިވަޅެއްގައި، ދައުލަތުން ބޭރުގެ ބޮޑެތި ދަރަނިތަކެއް އަދާކުރަން ޖެހުމެވެ. މި އަހަރުގެ އޭޕްރީލް މަހު އަދާކުރި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ތެރެއިން 350 މިލިއަން ޑޮލަރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުން ހަމަޖެއްސި ނަމަވެސް، ބާކީ ބައި ދައްކާފައިވަނީ ރަސްމީ ރިޒާވުންނެވެ.

ބަޖެޓުގައި ރިޒާވު އަންދާޒާކޮށްފައިވަނީ ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއި، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި، މަނިޓަރީ ސިޔާސަތުތަކުގެ އިތުރުން، ލިބޭނެ ކަމަށް ލަފާކުރެވޭ ބޭރުގެ ފައިނޭންސިންގ އަށް ރިޢާޔަތްކޮށްގެންނެވެ.

ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު، ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން ޝަރުތު ހަމަވާ ވިޔަފާރިތަކުން 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން ވަނީ ލާޒިމުކޮށްފައެވެ. އޭގެ ތެރެއިން ބައެއް ފައިސާ މަރުކަޒީ ބޭންކަށް ވިއްކުމުން، ރިޒާވު އިތުރުކުރުމަށް އެހީތެރިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް