ހދ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓު އެޅުމަށް 2022 ވަނަ އަހަރު ކުރީގެ ސަރުކާރުން ހަވާލުކުރި މަޝްރޫޢުގެ އެއްބަސްވުން ތިން އަހަރު ފަހުން ބާތިލުކުރިއިރު، ނިންމާފައިވަނީ މަޝްރޫޢުގެ 18.74 އިންސައްތަ މަސައްކަތް ކަމަށް އޮޑިޓު ރިޕޯޓަކުން ހާމަކޮށްފިއެވެ.
މިކަން ހާމަވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ ހޯމަ ދުވަހު ޝާއިޢުކުރި، 2018 އިން 2023 އަށް ހައުސިން މިނިސްޓްރީ އޮޑިޓުކުރި ރިޕޯޓުންނެވެ.
މި މަޝްރޫޢު 2022 ވަނަ އަހަރުގެ ޖުލައި މަހު ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑުން އުފެއްދި ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕާއެވެ. ދޮންބޭޒް ޕްރައިވެޓް ލިމިޓެޑަކީ އެމްޑީޕީއަށް ނިސްބަތްވާ، ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (ދޮންބެ)ގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
މަޝްރޫޢު ހަވާލުކޮށްފައިވަނީ 439.9 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް ހައުސިން ޔުނިޓުތަކުގެ ތަނބުތައް އެޅުމަށްފަހު މަސައްކަތް ކުރިއަށް ނުދިއުމުން 2025 ވަނަ އަހަރު އެއްބަސްވުން ބާތިލުކޮށް، އެ އަހަރުގެ އޯގަސްޓު މަހު މަޝްރޫޢު ވަނީ އެޗްޑީސީއާ ހަވާލުކޮށްފައެވެ.
އޮޑިޓު ރިޕޯޓުގައިވާ ގޮތުން، މި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 65.99 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް އަނބުރާ ދައްކާފައިވަނީ 6.7 މިލިއަން ރުފިޔާއެވެ. ދޫކުރި ފައިސާގެ 90 އިންސައްތަ ކަމަށްވާ 59 މިލިއަން ރުފިޔާ އަދިވެސް އަނބުރާ ހޯދިފައި ނުވެއެވެ.
އެޑްވާންސްގެ ގޮތުގައި ދޫކުރި ފައިސާ ހޯދުމަށް މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ފިޔަވަޅު އެޅުމަށާއި، އެ ފައިސާ ހޯދުމުގައި އިހުމާލުވި ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ލަފާދީފައެވެ.





