މޫސުމަށް އަންނަ ބަދަލުތަކަކީ އިޤްތިޞާދަށް އޮތް ސީދާ ނުރައްކަލެއް: މިނިސްޓަރު ޒަރީރު

ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ތިމާވެށީގެ ކަންބޮޑުވުމެއް ނޫން ކަމަށާއި، އެއީ ޤައުމުގެ އިޤްތިޞާދަށާއި ތަރައްޤީގެ އަމާޒުތަކަށާއި ރައްޔިތުންގެ ދިރިއުޅުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، "ގްރީން ފައިނޭންސް: ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" ގެ ޝިއާރުގެ ދަށުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިއަދު ފެށި މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓުމުގައި ކަނޑުތަކާއި ގުދުރަތީ ވަސީލަތްތަކަކީ މައިގަނޑު އަސާސެއް ކަމަށްވާތީ، އެ ވަސީލަތްތައް ރައްކާތެރިކުރުމަކީ އިޤްތިޞާދީ އަދި މާލީ ގޮތުން މަޖުބޫރު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިންފްރާސްޓްރަކްޗަރާއި އިއާދަކުރަނިވި ހަކަތަ ފަދަ ދާއިރާތަކަށް ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާ ކަމަށާއި، އެކަމަށް ދައުލަތުގެ ބަޖެޓާއި ބައިނަލްއަޤްވާމީ އެހީގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ރައުސްމާލާއި ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް ހޯދަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޕް31 ގައި ފާހަގަކުރެއްވި ތިން އިސްކަމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މޫސުމީ މާލީ އެހީތެރިކަމާއި، ބައިނަލްއަޤްވާމީ މާލީ ނިޒާމަށް ގެންނަންޖެހޭ އިޞްލާޙުތަކާއި، ވަޢުދުތައް ޢަމަލީ ގޮތުން ތަންފީޛުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް