ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ ތެރެއިން މިހާރު ރަސްމީ ބޭންކިން ނިޒާމަށް ވަންނަނީ 65 އިންސައްތަ އެކަނި ކަމަށާއި، ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަކީ އެމްއެމްއޭގެ އަމާޒު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ގަވާއިދަށް އެމްއެމްއޭއިން ގެނައި ބަދަލުތަކުގެ ތެރޭގައި ބޭރު ފައިސާ މާރުކުރުމާއި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ ބޭންކިން ނިޒާމަށް ޖަމާކުރުން ހަރުދަނާކުރުމަށް މުހިންމު ބަދަލުތަކެއް ހިމެނޭ ކަމަށެވެ.
ކުރިން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ބޭންކިން ނިޒާމަށް ވަންނަކަން މޮނިޓަކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށާއި، އެތެރެވާ ހުރިހާ ޑޮލަރެއް ނިޒާމަށް ވެއްދުމަށް އެމްއެމްއޭއިން ކުރާ މަސައްކަތްތައް އަންނަ އަހަރު އިތުރަށް ހަރުކަށިކުރާނެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ. އެގޮތުން، ރިސޯޓުތަކާއި ވިޔަފާރިތަކުގެ އާމްދަނީ ޖަމާކުރުމަށް ވަކި ޚާއްޞަ އެކައުންޓެއް ބަހައްޓަން އަންގާފައިވާ ކަމަށާއި، އެކަން ގާތުން ބަލަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.
މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ގަވަރުނަރު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަށް އަހަރަކު 5.9 ބިލިއަން ޑޮލަރު ލިބޭއިރު، އޭގެ ތެރެއިން ބޭންކިން ނިޒާމަށް ވަންނަނީ 3.8 ބިލިއަން ޑޮލަރު ކަމަށެވެ. ރާއްޖެއަށް ލިބޭ ހުރިހާ ޑޮލަރެއް ނިޒާމަށް ވަންނަނަމަ، އެއީ ރައްޔިތުންގެ ބޭނުންތަކަށް ފުދޭވަރުގެ އަދަދެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީރާގެ ތަފާސްހިސާބުތަކާ ހަވާލާދެއްވަމުން ގަވަރުނަރު ވިދާޅުވީ، 185 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ ގާތްގަނޑަކަށް 50 ރިސޯޓުން ކަމަށެވެ. މިއީ ފައިދާ ނުވާތީތޯ ނުވަތަ އެހެން މައްސަލައެއް އުޅޭތީތޯ ބަލަންޖެހޭ ކަމެއްކަން ވެސް ގަވަރުނަރު ފާހަގަކުރެއްވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު މިއަހަރަށްވުރެ ކުޑަ ނަމަވެސް، ބަޖެޓު ޑެފިސިޓް ބޮޑުވެ ދަރަނި އިތުރުވަމުންދާތީ ކަންބޮޑުވާންޖެހޭ ކަންކަން އެބަހުރި ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ. ބަޖެޓު ފައިނޭންސްކުރުމުގައި އެތެރޭގެ ބާޒާރުގެ ބަދަލުގައި ބޭރުން ފައިނޭންސިން ހޯދުމަށް ސަރުކާރަށް ލަފާދެއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ދުނިޔޭގެ އިޤްތިޞާދީ ހާލަތާއި ހިނގަމުންދާ ހަނގުރާމަތަކުގެ އަސަރު ޓޫރިޒަމާއި، ކޮންސްޓްރަކްޝަން، ދަތުރުފަތުރު އަދި އަސާސީ މުދަލުގެ ދާއިރާއަށް ކުރުމުން، މިއަހަރުގެ ޖީޑީޕީ ކުރިން ލަފާކުރި މިންވަރަށްވުރެ ދަށްކޮށް މުރާޖަޢާކުރަން ޖެހުނު ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ނަމަވެސް، ކަނެކްޓިވިޓީ ފުޅާވެ، ދައުލަތުން މާކެޓިން ކެމްޕޭނުތައް ހަރުދަނާކޮށް ހިންގާނެތީ، އަންނަ އަހަރު ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.





