ރާއްޖެ މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ކާގޯ ޚިދުމަތުގެ ދަށުން، ނިމިދިޔަ އޮގަސްޓް މަހުގެ ތެރޭގައި 394 ޓަނުގެ މުދާ ރާއްޖެއިން ބޭރުގެ އެކި މަންޒިލްތަކަށް އުފުލައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ފޯރުކޮށްދޭ މި ޚިދުމަތަކީ ބައިނަލްއަޤްވާމީ ވިޔަފާރީގެ ވިއުގަ ފުޅާކުރުމަށް ފަށާފައިވާ މުހިންމު މަސައްކަތެކެވެ.
ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެކި ޤައުމުތަކަށް ފޮނުވުމަށް ހަމަޖެހިފައިވާ މި ނިޒާމުގެ ސަބަބުން، މުދާ އުފުލުމުގެ ޚަރަދު ކުޑަވެ، މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމަށް މަގުފަހިވެއެވެ. ނިމިދިޔަ މަހު އުފުލި 394 ޓަނުގެ މުދަލަކީ ބައިނަލްއަޤްވާމީ އެކި އެއާލައިންތައް މެދުވެރިކޮށް ޔޫރަޕާއި ދުނިޔޭގެ އެހެނިހެން މާކެޓުތަކަށް އެކްސްޕޯޓް ކުރެވުނު މުދަލެވެ.
މި ޚިދުމަތުގައި ދުނިޔޭގެ ނަން މަޝްހޫރު ގިނަ އެއާލައިންތަކަކުން ބައިވެރިވަމުން އަންނައިރު، ރާއްޖެއަކީ ކަނޑުމަގާއި ވައިގެމަގު ގުޅުވައިދޭ މުހިންމު ޓްރާންސްޝިޕްމަންޓް ހަބަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މި ނިޒާމު ފެށުނު ފަހުން ކޮންމެ މަހަކުވެސް ބޮޑެތި އަދަދުތަކުން މުދާ އެކްސްޕޯޓް ކުރަމުން އަންނަކަން ކަމާބެހޭ ތަފާސްހިސާބުތަކުން ދައްކައެވެ.
ސީ-ޓު-އެއާ ކާގޯގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އިތުރު އެއާލައިންތަކާއެކު ގުޅުން ބަދަހިކޮށް، ކާގޯ ބެލެހެއްޓުމުގެ އިންތިޒާމުތައް ވަރުގަދަކުރުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ ކުރަމުންނެވެ. މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުމާއި އާމްދަނީ ލިބިގެންދާނެ ކަމަށް ބެލެވެއެވެ.





