ތައިލެންޑަށް ދަތުރުކުރާ މީހުން ޑިޖިޓަލް އެރައިވަލް ކާޑު ފުރުމަށް މޯލްޑިވިއަނުން އިލްތިމާސްކޮށްފި

މޯލްޑިވިއަންގެ މަތިންދާބޯޓެއް - ފޮޓޯ: މޯލްޑިވިއަން

ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ޤައުމަށް އެތެރެވުމުގެ ކުރިން ފުރަންޖެހޭ "ޑިޖިޓަލް އެރައިވަލް ކާޑު" ފުރުމަށް ޤައުމީ އެއާލައިން، މޯލްޑިވިއަނުން ދަތުރުވެރިންނަށް އިލްތިމާސްކޮށްފިއެވެ. މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މި އުސޫލުގެ ދަށުން، ތައިލެންޑަށް ދަތުރުކުރާ ކޮންމެ މީހަކުވެސް އޮންލައިންކޮށް މި އެރައިވަލް ކާޑު ފުރަން މިހާރު މަޖުބޫރުވާނެއެވެ.

ވައިގެ މަގުން ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން އެ ޤައުމަށް އެތެރެވުމުގެ 3 ދުވަސް ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފޯޓަލް މެދުވެރިކޮށް ދަތުރުގެ ތަފުސީލުތައް ރަޖިސްޓްރީ ކުރަންޖެހެއެވެ. މީގެ އިތުރުން، މި ފޯމު ފުރިހަމަކުރުމުން ލިބޭ ކޮންފޮމޭޝަންގެ ޑިޖިޓަލް ކޮޕީއެއް ތައިލެންޑަށް އެތެރެވާއިރު އިމިގްރޭޝަން ކައުންޓަރަށް ހުށަހެޅުމަށްވެސް މޯލްޑިވިއަނުން ވަނީ އެދިފައެވެ.

ތައިލެންޑަށް އެތެރެވުމުގެ 3 ދުވަސް ކުރިން މި ރަޖިސްޓްރީ ފުރިހަމަކޮށް، ލިބޭ ޑިޖިޓަލް ކޮޕީ އިމިގްރޭޝަން ކައުންޓަރަށް ދެއްކުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.

ބޮޑު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ވަނީ ބެންކޮކަށް ޚާއްސަ ފެއަރއެއްގެ ދަށުން ޓިކެޓު ވިއްކަން ހުޅުވާލާފައެވެ. މި ފެއަރގެ ދަށުން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 12 އިން ފެށިގެން އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުތައް އޮންނާނީ ކޮންމެ ހަފުތާއެއްގެވެސް އާދިއްތަ ދުވަހުއެވެ.

މޯލްޑިވިއަނުން އަންނަނީ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ބައިނަލްއަޤްވާމީ އެކި މަންޒިލްތަކަށް ޚާއްސަ ދަތުރުތައް ބާއްވަމުންނެވެ. އެގޮތުން މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައިވެސް އެއާލައިނުން ވަނީ މެލޭޝިޔާގެ ކުއަލަލަމްޕޫރަށާއި ތައިލެންޑުގެ ބެންކޮކަށް ޚާއްސަ ދަތުރުތަކެއް ކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް