ބާޒާރުގައި ފިޔާގެ އަގު އުފުލިފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، އެސްޓީއޯ އިން ވިއްކާ ފިޔާގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށާއި، އަދިވެސް ކިލޯއެއް 13 ރުފިޔާއަށް ލިބޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެސްޓީއޯ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ބާޒާރުގައި ފިޔާ ލިބުމުގައި ދަތިތަކެއް ހުރިކަމާއި، ބައެއް ފަރާތްތަކުން އާދަޔާ ހިލާފަށް ބޮޑު އަގުގައި ފިޔާ ވިއްކަމުންދާ ކަމުގެ ޝަކުވާ ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބެމުންދާ ކަމަށެވެ. ނަމަވެސް އެސްޓީއޯގެ އައުޓްލެޓްތަކުން ކުރިއެކޭވެސް އެއްގޮތަށް އެއްވެސް ދަތިކަމެއް ނެތި ފިޔާ ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
ކުންފުނިން އިތުރަށް ބުނި ގޮތުގައި، އަންނަ ހަފްތާއިން ފެށިގެން ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފަށާނެއެވެ. އަދި އަތޮޅުތެރޭގައި ހުރި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުން މެދުކެނޑުމެއް ނެތި ފިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މިހާރު ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.
މީގެ އިތުރުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ވަނީ ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ ފިޔާ އަދި ބޭހުގެ ޝިޕްމަންޓްތަކެއް ކްލިއާކޮށް ބާޒާރަށް ނެރުމުގެ މަސައްކަތް ފަށާފައެވެ. މި ފިޔާ ޝިޕްމަންޓްތަކާއެކު ބާޒާރުގައި ފިޔާގެ އަގު ހިފެހެއްޓި، ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.




