ނިމިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.05 ބިލިއަން ރުފިޔާ ލިބިއްޖެ

ނިމިދިޔަ މެއި މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.05 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ލިބުނު އާމްދަނީއަކީ އެ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 0.3 އިންސައްތަ ދަށް އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު 5.8 އިންސައްތައިގެ ދަށްވުމެކެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޖީއެސްޓީއެވެ. އެގޮތުން ޖުމުލަ އާމްދަނީގެ 56.3 އިންސައްތަ ނުވަތަ 1.1 ބިލިއަން ރުފިޔާ ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައެވެ.

މައިގަނޑު ދާއިރާތަކުން އާމްދަނީ ލިބުނު މިންވަރު:

  • އާމްދަނީން ނަގާ ޓެކްސް: 234 މިލިއަން ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 158 މިލިއަން ރުފިޔާ
  • ޑިޕާޗާ ޓެކްސް: 156 މިލިއަން ރުފިޔާ
  • ގްރީން ޓެކްސް: 139 މިލިއަން ރުފިޔާ
  • ވާކް ޕާމިޓް ފީ: 71 މިލިއަން ރުފިޔާ

މީރާއިން ބުނި ގޮތުގައި، މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ މަދުވުމެވެ. އެގޮތުން، މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު މިއަހަރުގެ މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 24.4 އިންސައްތަ ދަށްވުމާ ގުޅިގެން، ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުން ލިބުނު އާމްދަނީ ވަނީ 19.5 އިންސައްތަ ދަށްވެފައެވެ.
މީގެ ސަބަބުން ޓޫރިޒަމް ޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ފީތަކުގެ ގޮތުގައި ލިބުނު އާމްދަނީއަށް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް