ދަރަވަންދޫ އެއާޕޯޓް

ބ.ދަރަވަންދޫ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށް އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފި އެވެ.

މި މަޝްރޫއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ އުމްރާނީ ތަރައްގީ ގެނައުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

"ކޮންޓްރެކްޓާ ފައިނޭންސިން" މޮޑެލްގެ ދަށުން މި މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ، ދައުލަތުގެ ބަޖެޓަށް އޮންނަ ބުރަ ކުޑަކޮށް، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓާއެކު ހަލުވި ދުވެއްޔެއްގައި މަސައްކަތް ނިންމުމުގެ މަގުސަދުގައެވެ.

މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑު 23:59 އެވެ.

އައިލެންޑް އޭވިއޭޝަނުން ނެރުނު އިއުލާނުގައިވާ ގޮތުން، ރަސްމީ ޕްރޮޕޯސަލްތައް ބަލައިގަންނާނީ ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެކަންޏެވެ.

ބ. އަތޮޅު ދަރަވަންދޫ އެއާޕޯޓަކީ 2012 ވަނަ އަހަރު ހިދުމަތް ދޭން ފެށި، ރާއްޖޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް އެއާޕޯޓެވެ. ޔުނެސްކޯ ބަޔޯސްފިއާ ރިޒާވްގެ ސަރަހައްދުގައި އޮންނަ މި އެއާޕޯޓުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 8 ފްލައިޓަށްވުރެ ގިނައިން އޮޕަރޭޓް ކުރެއެވެ.

ދަރަވަންދޫ އެއާޕޯޓުގެ ތާރީޚަށް ބަލާއިރު، މިހާތަނަށް 42،000 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކޮށް، 1.8 މިލިއަނަށްވުރެ ގިނަ ފަސިންޖަރުންނަށް ވަނީ ހިދުމަތް ދީފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި އެއާޕޯޓުން ހިދުމަތް ހޯދި ފަސިންޖަރުންގެ 72 އިންސައްތައަކީ ބޭރުގެ ފަތުރުވެރިންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް