ކުންފުނިތަކާއި މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމާއި މަސައްކަތުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ވީރަން މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން އިންތިޒާމުކުރި ރާއްޖޭގެ ފުރަތަމަ ކޯޕަރޭޓް ރަން "ބީއެމްއެލް ވީރަން - ކޯޕަރޭޓްސް" ކްރޮސްރޯޑްސް މޯލްޑިވްސްގައި ވަނީ ކާމިޔާބުކަމާއެކު ބާއްވައިފައެވެ.
ކޮންމެ ބައިވެރިޔަކު އެއް ކިލޯމީޓަރު ދުވާ ގޮތަށް 5 ދުވުންތެރިންގެ މައްޗަށް އެކުލެވޭ ރިލޭ އުސޫލުން ކުރިއަށްދިޔަ މި ރޭހުގައި ޖުމްލަ 18 ޓީމަކުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެނުންގެ 11 ޓީމާއި އަންހެނުންގެ 7 ޓީމެވެ. މިއީ ރޭސް ނިންމުމަށް ހޭދަވާ ވަގުތު ބެލުމަށްޓަކައި ރިލޭ ބެޓަންގެ އެތެރޭގައި ޗިޕެއް ހިމަނައިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ހަރަކާތްވެސް މެއެވެ.
މި ދުވުމުގެ ފިރިހެން އަދި އަންހެން ބައިން ވަނަތައް ހޯދާފައިވާ ޓީމުތައް:
-
ފިރިހެނުންގެ ބައި: ޗެމްޕިއަންކަން ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ހޯދިއިރު، 1 ވަނަ ރަނަރއަޕްކަން ހޯދީ ރަންއިންމޯޑް އެތުލެޓިކްސްއެވެ. 2 ވަނަ ރަނަރއަޕްކަން ލިބުނީ ބޭންކް އޮފް މޯލްޑިވްސް އަށެވެ.
-
އަންހެނުންގެ ބައި: ޗެމްޕިއަންކަން ރަންއިންމޯޑް އެތުލެޓިކްސް ހޯދިއިރު، 1 ވަނަ ރަނަރއަޕްކަން ހޯދީ ކްރޮސްރޯޑްސް އައިލެންޑް ސްޕްރިންޓާސްއެވެ. 2 ވަނަ ރަނަރއަޕްކަން ލިބުނީ އޭޑީކޭ ސިނަރޖީ އަށެވެ.
ބީއެމްއެލްއިން އަންނަނީ މުޅި ރާއްޖޭގައި ކުޅިވަރުގެ ރޫހު ދިރުވައި އާލާކުރުމަށާއި، ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އިޖުތިމާއީ އަދި ކުޅިވަރުގެ ގިނަ ހަރަކާތްތަކަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.




