މިދިޔަ ޖޫން މަހުގެ ތެރޭގައި އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 406 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މޭ މަހު ދައުލަތަށް ލިބުނު 322 މިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މީގެއިތުރުން ޖޫން މަހު ރާއްޖެއަށް ޖުމްލަ 6.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާއިރު، މިއީ މޭ މަހު އިމްޕޯޓުކުރި 5.5 ބިލިއަން ރުފިޔާގެ މުދަލާ އަޅާބަލާއިރު 21.8 އިންސައްތައިގެ އިތުރުވުމެކެވެ.
ޖޫން މަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާންއިންނެވެ. އެއީ 1,601 މިލިއަން ރުފިޔާގެ މުދަލެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރި އިންޑިއާއިން 1,502 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ތިންވަނައިގައި އޮތް ޗައިނާއިން ވަނީ 922 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ.
އެތެރެކުރި މުދަލުގެ ބާވަތްތަކަށް ބަލާއިރު އެންމެ ގިނައިން އިމްޕޯޓުކޮށްފައިވަނީ 1.8 ބިލިއަން ރުފިޔާގެ ތެލާއި ގޭހުގެ ބާވަތްތަކެވެ. ދެން އެންމެ ގިނައިން އެތެރެކުރި ކެއިންބުއިމުގެ ބާވަތްތަކަށް 1.7 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މެޝިނަރީއާއި އެނޫންވެސް އިކުއިޕްމަންޓްތަކަށް 972 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ.
ރާއްޖެއިން ބޭރުކުރި މުދާ ނުވަތަ އެކްސްޕޯޓަށް ބަލާއިރު، ޖޫން މަހުގެ ތެރޭގައި 153 މިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއިން އެކްސްޕޯޓުކޮށްފައެވެ. މިއީ މޭ މަހު އެކްސްޕޯޓުކުރި 98 މިލިއަން ރުފިޔާއާ އަޅާބަލާއިރު 56 އިންސައްތައިގެ ކުރިއެރުމެކެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ. އެއީ 95 މިލިއަން ރުފިޔާގެ މުދަލެވެ. ދެވަނައަށް އެންމެ ގިނައިން އިނގިރޭސިވިލާތަށް 23 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރި އިންޑިއާއަށް ބޭރުކޮށްފައިވަނީ 6 މިލިއަން ރުފިޔާގެ މުދަލެވެ.



