ބ. ތުޅާދޫގައި އިމާރާތް ކުރަމުންދާ ކަލްޗަރަލް ސެންޓަރުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށާއި، މަޝްރޫއުގެ ފައުންޑޭޝަނާއި އިމާރާތުގެ އޮނިގަނޑު ހެދުމުގެ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް, ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ހާމަކޮށްފިއެވެ.
މި މަޝްރޫއަކީ ތުޅާދޫގެ ސަގާފީ، އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މުޅި މަޝްރޫއުގެ ޖުމްލަ 4.08 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން މައި އިމާރާތުގެ އިތުރުން ކެފޭ އިމާރާތެއް ބިނާކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މައި އިމާރާތުގެ ސައިޓް ތައްޔާރުކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، ބިންހިއްކުމާއި ކޮނުމުގެ މަސައްކަތުގެ 60 އިންސައްތަ އަދި ކޮންކްރީޓް މަސައްކަތުގެ 11 އިންސައްތަ ވަނީ ނިމިފައެވެ. މައި އިމާރާތުގައި މިހާރު ކުރިއަށްދަނީ ބީމްތަކުގެ ރީއިންފޯސްމަންޓާއި ޝަޓަރިންގގެ މަސައްކަތްތަކެވެ.
މީގެއިތުރުން، ކެފޭ އިމާރާތުގެ ބިންހިއްކުމާއި ކޮނުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާއިރު، ފައުންޑޭޝަންގެ މަސައްކަތްތައް ފެށި ކޮންކްރީޓް މަސައްކަތުގެ އެކެއް އިންސައްތަ ވަނީ ނިމިފައެވެ. ދެ އިމާރާތުގެވެސް ފައުންޑޭޝަންގެ މަސައްކަތްތައް ބާރަށް ކުރިއަށްދާއިރު، ސައިޓުގައި ތަކެތި އަތުރައި ވަސީލަތްތައް ގާއިމުކުރުމުގެ ކަންކަންވެސް ދަނީ ހިނގަމުންނެވެ.
މި މަޝްރޫއު ފުރިހަމައަށް ނިމުމުން، ތުޅާދޫގެ ފަޚުރުވެރި ސަގާފީ މަސައްކަތެއް ކަމަށްވާ ލިޔެލާޖެހުމުގެ މަސައްކަތް އާލާކޮށް، ދިރުވައި، ދައްކާލުމުގެ ބޮޑު ފުރުސަތެއް ހުޅުވިގެންދާނެއެވެ. އަދި މިއީ އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި އާންމު ރައްޔިތުންނަށް އެއްތަނަކުން ސަގާފީ މައުލޫމާތާއި، އިޖުތިމާއީ ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން ކެފޭގެ ހިދުމަތް ލިބިގެންދާނެ ތަނަކަށް ވެގެންދާނެއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. މަސައްކަތުގެ އެއްބަސްވުން ޤާއިމުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅެއްގައި އެއަތޮޅު ތުޅާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ. މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ، 24.4 މިލިޔަން ރުފިޔާއަށް 420 ދުވަސްތެރޭ ނިންމާގޮތަށެވެ.



