ކަސްޓަމްސްގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަނގަޅު ތަސައްވުރެއް އުފެދޭގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން އިލްތިމާސްކޮށްފިއެވެ.
ކަސްޓަމްސްއިން މިކަމަށް އިލްތިމާސްކުރީ އެ ސާވިސްގެ ޒިންމާތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، ރާއްޖެއަށް އެތެރެކުރާ މުދަލާއި ފަސިންޖަރުންނާއި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައި ފާސްކުރުމަކީ ކަސްޓަމްސްގެ ޤާނޫނުން އެ މުއައްސަސާއާ މަތިކޮށްފައިވާ ޒިންމާއެކެވެ.
އަދި ލިބޭ މައުލޫމާތާއި ހޯދުންތަކަށް ބަލައި މުދަލެއް ނުވަތަ ފަސިންޖަރަކު ފިޒިކަލީ ބަލައި ފާސްކުރަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި މަސައްކަތްތައް ތަންފީޒުކުރަނީ ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ހިފެހެއްޓުމަށާއި، ދިވެހި ރައްޔިތުންނާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަޤްސަދުގައެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ބޯޑަރުގައި މި ކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އުސޫލުތަކާ އެއްގޮތަށް ކުރަމުންދާއިރު، ކަސްޓަމްސްގެ ޤާނޫނީ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް އަމަލުނުކުރުމަށް އެ މުއައްސަސާއިން ވަނީ އެދިފައެވެ.




