ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި އަހަރުގެ ޖޫން މަހު 57.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖޫން މަހުގެ ތެރޭގައި އިތުރު 252 މީހަކު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފުތަރުގައި ވަނީ ރަޖިސްޓްރީކޮށްފައެވެ. މިއާއެކު ދަފުތަރުގައި ހިމެނޭ ޖުމްލަ މީހުންގެ އަދަދު ވަނީ 15،652 އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 9,046 ފިރިހެނުންނާއި 6,606 އަންހެނުންނެވެ. ދަފުތަރުގައި ހިމެނޭ ގިންތިތަކުގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ. އެ ގިންތީގައި 4,317 މީހުން ރަޖިސްޓްރީވެފައިވާއިރު، އޭގެ ތެރޭގައި 2,366 ފިރިހެނުންނާއި 1,951 އަންހެނުން ހިމެނެއެވެ. މީގެ އިތުރުން މަލްޓިޕަލް ޑިސްއެބިލިޓީ، ވިސްނުމުގެ ނުވަތަ ސިކުނޑީގެ ނުކުޅެދުންތެރިކަން، ނަފުސާނީ، އަޑުއިވުމާއި ވާހަކަދެއްކުން، ފެނުން، އޯޓިޒަމް އަދި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް މި ދަފުތަރުގައި ހިމެނެއެވެ.
މާލީ އެލަވަންސުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ޖޫން މަހު 7.07 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން އެންސްޕާއިން ފާހަގަކުރެއެވެ. އެއީ ޖުމްލަ 253 ފަރާތަކަށެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރެވިފައިވަނީ ސްޕީޗް ތެރަޕީ (1.68 މިލިއަން ރުފިޔާ)، ބިހޭވިއާ ތެރަޕީ (1.67 މިލިއަން ރުފިޔާ) އަދި އޮކިއުޕޭޝަނަލް ތެރަޕީ (1.64 މިލިއަން ރުފިޔާ) އަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފުތަރަކީ އެފަދަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭ މާލީ އިނާޔަތްތަކާއި، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، އެ ފަރާތްތަކަށް ބޭނުންވާ ސިއްހީ ޚިދުމަތްތަކާއި ސިޔާސަތުތައް ތަފާސްހިސާބުގެ އަލީގައި ރޭވުމަށް އެކުލަވާލެވިފައިވާ މުހިންމު ނިޒާމެކެވެ. ޑޮކްޓަރެއްގެ މެޑިކަލް އެސެސްމަންޓާއެކު އެންސްޕާ ފޯމާއި އައިޑީ ކާޑު ކޮޕީ ހުށަހެޅުމުން މި ދަފުތަރުގައި ރަޖިސްޓްރީ ވެވޭނެއެވެ. މި ލިޔެކިޔުންތައް އެންސްޕާއަށް، ރަށު ކައުންސިލްތަކަށް ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ.



