ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކޮށްފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (ޕީޓީއޭ) ނުވަތަ ވަކި ބާވަތްތަކަކުން ޑިއުޓީ ކަނޑައިދިނުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށައިފިއެވެ.
މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި އެކުލަވައިލެވުނު މުހިންމު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ތުރުކީވިލާތަށް އެކްސްޕޯޓްކުރާ ބައެއް މުދަލުން ޑިއުޓީ ކަނޑާލުމާއި، ބޮޑެތި ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޚާއްޞަކޮށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ތުރުކީގެ ބާޒާރަށް އެތެރެކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން ތުރުކީވިލާތުން ރާއްޖެއަށް އެތެރެކުރާ ބައެއް ބާވަތްތަކުގެ މުދަލުންވެސް ޑިއުޓީ ކުޑަކުރުމަށް މި އެއްބަސްވުމުގައި ކަނޑައަޅާފައިވެއެވެ. ދެ ޤައުމުގެ ދެމެދުގައި ވެފައިވާ މި އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ތުރުކީގެ ބާޒާރުން އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ. އަދި މީގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވެ، އިޤްތިޞާދީ ގޮތުން ދެ ޤައުމަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. މި އެއްބަސްވުން ތަންފީޒުކުރަން ފެށުމާއެކު، މީގެ ދަށުން ހިމެނޭ ކަންކަން ޢަމަލީގޮތުން ކުރިއަށްގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ. މިގޮތުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައްވެސް މީގެ ކުރިން ވަނީ ބާއްވައިފައެވެ.
ޚުލާސާ:ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކޮށްފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (ޕީޓީއޭ) އަށް ޢަމަލުކުރަން ފަށައިފިއެވެ.



