ޔަމަނުގެ ހޫތީ ޖަމާއަތުން ބާބު އަލްމަންދަބު ކަނޑުއޮޅިން ދަތުރުކުރާ ބައިނަލްއަގުވާމީ އުޅަނދުފަހަރާއި މުދާ އުފުލާ ބޯޓުފަހަރުގެ އަތުން ފީ ނުވަތަ ޓެކްސް ނަގަން އުޅޭކަމަށް ފެތުރެމުންދާ ރިޕޯޓުތައް އެ ޖަމާއަތުން ރަސްމީކޮށް ދޮގުކޮށްފިއެވެ.
މިކަމާ ގުޅިގެން ހޫތީންގެ ސިޔާސީ މަޖިލީހާއި އަސްކަރީ ތަރުޖަމާނުން ބުނެފައިވަނީ، ރަތްކަނޑާއި ބާބު އަލްމަންދަބު ކަނޑުއޮޅިން ދަތުރުކުރާ އާންމު އުޅަނދުފަހަރަށް އެއްވެސް މާލީ ފީއެއް ނެގުމުގެ ޕްލޭނެއް ނެތް ކަމަށެވެ. އަދި އެ ސަރަހައްދުގައި އެމީހުން ހިންގާ އަސްކަރީ ހަރަކާތްތަކަކީ މާލީ ފައިދާއެއް ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަމަށްވެސް އެ ޖަމާއަތުން ވަނީ ފާހަގަކޮށްފައެވެ.
ހޫތީން ވަނީ އެމީހުންގެ އަމާޒަކީ ހަމައެކަނި އިސްރާއީލާ ގުޅުންހުރި ނުވަތަ އިސްރާއީލުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުފަހަރާއި، އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ އުޅަނދުފަހަރު ކަމަށް އަލުން ތަކުރާރުކޮށްފައެވެ.
އަދި އެހެން ގައުމުތަކުގެ އާންމު މުދާ އުފުލާ ބޯޓުފަހަރަށް އެ ސަރަހައްދުން ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ފުރުސަތު އޮތް ކަމަށާއި، އެއްވެސް އުޅަނދަކުން ފައިސާ ނެގުމުގެ ނިޔަތެއް ނެތް ކަމަށްވެސް ހޫތީން ވަނީ ބުނެފައެވެ.
"އަހަރެމެންގެ މަގުސަދަކީ ކަނޑުގެ ދަތުރުފަތުރުން މާލީ ފައިދާއެއް ހޯދުމެއް ނޫން. ބާބު އަލްމަންދަބު ކަނޑުއޮޅިން ދަތުރުކުރާ އާންމު އުޅަނދުފަހަރުގެ އަތުން ފީ ނަގަން އުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ އަހަރެމެންގެ ހަރަކާތްތަކުގެ އަސްލު އޮޅުވާލުމަށް ފަތުރާ ދޮގު މައުލޫމާތު." ހޫތީންގެ ތަރުޖަމާނު
މި ބަޔާން އައިސްފައިވަނީ، ބާބު އަލްމަންދަބު ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރަށް ރައްކާތެރިކަން ދިނުމުގެ ނަމުގައި ހޫތީން ފީ ނަގަން އުޅޭކަމަށް ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.
ހޫތީންގެ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ މުހިންމު ޝިޕިން ކުންފުނިތަކުން ވަނީ ރަތްކަނޑުގެ މަގު ދޫކޮށް، އެފްރިކާ ވަށާލާފައިވާ ދިގު މަގުން ދަތުރުކުރަން ފަށާފައެވެ. މިއާއެކު ދުނިޔޭގެ ވިޔަފާރިއާއި މުދާ އުފުލުމުގެ ހަރަދުތައް ވަނީ ބޮޑުތަނުން އުފުލިފައެވެ.



