ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށް އަދި ޚިދުމަތާ ގުޅުންހުރި އެކި ހާދިސާތަކުގައި ވަކިވެދިޔަ ފުލުހުންގެ އަގުވަޒަންކޮށް، އެ ފަރާތްތަކުގެ ޒިކުރާ އާކުރުމުގެ ގޮތުން ފާހަގަކުރާ "ޕޮލިސް މެމޯރިއަލް ޑޭ" ގެ ހާއްސަ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
ކޮންމެ އަހަރެއްގެވެސް ޖުލައި 23 ވަނަ ދުވަހު މި ދުވަސް ފާހަގަކުރަނީ، 2012 ވަނަ އަހަރުގެ ޖުލައި 23 ގައި ކ. ކާށިދޫގައި ރަސްމީ މަސައްކަތުގައި އުޅުއްވަނިކޮށް ދިން ހަމަލާއެއްގައި ޝަހީދުވި ސާޖަންޓް އާދަމް ޙަލީމްގެ ހަނދާނުގައެވެ. 2013 އިން ފެށިގެން ފާހަގަކުރަމުންދާ މި ދުވަހުގެ ހަރަކާތްތައް ރޭ މެންދަމު ފަށާފައިވަނީ ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކުރުމާއެކުގައެވެ. އަދި މިއަދު ހެނދުނު 06:00 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ވަކިވެދިޔަ ފުލުހުންގެ ހަނދާނުގައި ހިމޭންކަމުގެ ސުކޫތެއް ގެނެސް، ހާއްސަ ދުއާއެއް ކޮށްފައިވާއިރު، މެމޯރިއަލް ވޯލްގައި ޝަރަފުގެ ގާޑެއް މައުންޓްކޮށް، މިރޭގެ މެންދަމު 00:00 އާ ހަމައަށް ފޯރިމެރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ޕޮލިސް މެމޯރިއަލް ވޯލްގައި ޝަހީދުންގެ ގޮތުގައި 5 ފުލުހެއްގެ ނަން ލިޔެވިފައިވެއެވެ. އެއީ ޝަހީދު ސާޖަންޓް ޢަލީ ނާޡިމް، ޝަހީދު ސާޖަންޓް އާދަމް ޙަލީމް، ޝަހީދު ސާޖަންޓް މިޞްބާޙު ޢަބްދުﷲ، ޝަހީދު ސާޖަންޓް އަޙްމަދު ވިފާޤް، އަދި ޝަހީދު ކޮންސްޓަބަލް ޔޫސުފް ޟަމީރެވެ.

މީގެ އިތުރުން، ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވެފައިވާ އިތުރު 11 ފުލުހެއްގެ ހަނދާންވެސް މި ދުވަހުގެ ތެރެއިން ވަނީ އާކޮށްފައެވެ. އެ ފަރާތްތަކުގެ ތެރޭގައި އެންމެ ފަހުން، 2026 ޖޫން 11 ގައި ފުލުހުންގެ އޮޕަރޭޝަނެއްގައި "ޕޮލިސް ލޯންޗު 57" ގައި ހަރަކާތްތެރިވަމުން ދަނިކޮށް ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފް ވެސް ހިމެނެއެވެ. މިއީ އަޙްމަދު ޢާސިފް ނިޔާވި ފަހުން ޕޮލިސް މެމޯރިއަލް ޑޭ ގައި އޭނާގެ ހަނދާން އާކުރެވުނު ފުރަތަމަ ފަހަރެވެ.



