އެމެރިކާއާއި ސައޫދީ އަރަބިއްޔާއާ ދެމެދު މަދަނިއްޔީ ނިއުކްލިއާ ހަކަތަ އުފެއްދުމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެތައް ބިލިއަން ޑޮލަރެއްގެ މި އެއްބަސްވުމުގައި އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް އާއި ސައޫދީ އެނާޖީ މިނިސްޓަރު އަލްއަމީރު އަބްދުލްއަޒީޒް ބިން ސަލްމާން ވަނީ ސޮއިކުރައްވާފައެވެ.
މި އެއްބަސްވުމުގެ ދަށުން ސައޫދީ އަރަބިއްޔާގައި ސުލްހަވެރި ބޭނުންތަކަށް ނިއުކްލިއާ ހަކަތަ އުފެއްދުމަށް ބޭނުންވާ ޓެކްނޮލޮޖީއާއި ވަސީލަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު އެމެރިކާގެ ކުންފުނިތަކަށް ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ސައޫދީ އަރަބިއްޔާގައި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމުގައި އެމެރިކާގެ ކުންފުނިތަކަށް، ހާއްސަކޮށް ވެސްޓިންގްހައުސް ފަދަ ކުންފުނިތަކަށް ބޮޑު ފުރުސަތެއް ހުޅުވިގެންދާނެއެވެ. މީގެ އިތުރުން ސައޫދީ ފަސްގަނޑުގައި ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ކުރުމުގެ ގާބިލުކަން ގާއިމުކުރުމާ މެދު ދެ އަހަރުގެ ދިރާސާއެއް ކުރުމަށްވެސް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ. ސައޫދީން ތެލަށް ބުރަވާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި އަދި ނިއުކްލިއާ ހަކަތައަށް ބަދަލުވުމުގެ ތަސައްވުރުގެ ދަށުން ކުރިއަށްދާ މި މަޝްރޫއުގެ ސަބަބުން ބޭރަށް ދޫކުރާ ތެލުގެ މިންވަރު އިތުރުކުރެވޭނެ ކަމަށް ބެލެވެއެވެ.
"މި އެއްބަސްވުމަކީ ދެ ގައުމުގެ އިގްތިސާދީ އަދި އިސްތްރާތީޖީ ގުޅުން އިތުރަށް ބަދަލުކޮށްދޭނެ އެއްބަސްވުމެއް. މިއާއެކު ނިއުކްލިއާ ރައްކާތެރިކަމާއި ހަތިޔާރު ނުފެތުރުމުގެ އެންމެ މަތީ މިންގަނޑުތަކަށް އަމަލުކުރެވޭނެ." އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް
މި އެއްބަސްވުމާއެކު އެމެރިކާގެ ކޮންގްރެސްގެ ބައެއް މެންބަރުންނާއި ނިއުކްލިއާ ހަތިޔާރު ފެތުރުމާ ދެކޮޅަށް މަސައްކަތްކުރާ މާހިރުންގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފައެވެ. އެގޮތުން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ އެޑިޝަނަލް ޕްރޮޓޯކޯލްގެ ދަށުން ކުރެވޭ ހަރުކަށި ފަންނީ ބަލައިފާސްކުރުންތަކުގެ ބަދަލުގައި، ސައޫދީއާއެކު ވެވުނު އެއްބަސްވުމުގައި ބަލައިފާސްކުރުމުގެ މަސައްކަތްތައް ކުރިއަށްދާނީ އެމެރިކާގެ ޓީމުތަކުން ސީދާ ބަލަހައްޓާ އުސޫލަކުންނެވެ.
އޭގެ އިތުރުން ސައޫދީ އަރަބިއްޔާއަށް ސެންޓްރިފިއުޖް ބޭނުންކޮށްގެން ޔުރޭނިއަމް މުއްސަނދިކުރުމުގެ ފުރުސަތު ހުޅުވިގެންދިއުމަކީ، މެދުއިރުމަތީގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ވާދަވެރިކަމެއް ފެށިގެންގޮސްދާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. މި އެއްބަސްވުން ތަންފީޒުވުމުގެ ކުރިން އެމެރިކާގެ ކޮންގްރެސްގެ މުރާޖައާ މަރުހަލާއެއް ކުރިއަށްދާނެއެވެ.




