ޔަމަނުގެ ހޫތީ ޖަމާއަތުން ސުއޫދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ "މެރިޓައިމް އެމްބާގޯ" އެއް (ބްލޮކޭޑެއް) އިއުލާންކޮށް، ސުއޫދީގެ އާގުބޯޓުތަކަށް ބާބު އަލްމަންދަބު ކަނޑުއޮޅިން ދަތުރުކުރުން މަނާކޮށްފިއެވެ. ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއާ ވިދާޅުވި ގޮތުގައި، މިއީ "ބަންދަކަށް ބަންދެއް" އަދި "ލޮލަކަށް ލޮލެއް" ދިނުމުގެ އުސޫލުން، ސުއޫދީން ޔަމަނުގެ ބަނދަރުތަކާއި ސަންއާ އެއާޕޯޓަށް ދެމުންދާ ހަމަލާތަކާއި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
ބްލޮކޭޑުގެ ސަބަބބު
-
ސަންއާ އެއާޕޯޓަށް ދިން ހަމަލާ: މި ނިންމުން އައިސްފައިވަނީ ސަންއާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާއަކާ ގުޅިގެން ސުއޫދީ އަރަބިއްޔާއާއި ހޫތީންގެ މެދުގައި މަޝްރަހު އަލުން ގޯސްވެ، އެކަކު އަނެކަކަށް މިސައިލް ހަމަލާތައް ބަދަލުކުރަން ފެށުމުންނެވެ.
-
ހޮރްމުޒް ކަނޑުއޮޅީގެ ނުކުރެވޭ ދަތުރުތައް: އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލުން ހުއްޓުމަކަށް އައިސްފައިވާތީ، ސުއޫދީން ދިޔައީ އެ ގައުމުގެ ތެޔޮ ރަތްކަނޑުގެ ޔަންބު ބަނދަރު މަގުން ބާބު އަލްމަންދަބު ކަނޑުއޮޅި ހުރަސްކޮށް ބޭރުކުރަމުންނެވެ.
ހޫތީންގެ މި ނިންމުމާއެކު، ސުއޫދީ އަރަބިއްޔާއަށް ތެޔޮ ބޭރުކުރުމަށް އޮތް ދެވަނަ މަގުވެސް މިވަނީ ބަންދުވުމުގެ ނުރައްކަލާ ކުރިމަތިލާންޖެހިފައެވެ. ރަތްކަނޑުގެ ދަތުރުފަތުރަށް ބުރޫއެރުމަކީ ދުނިޔޭގެ ތެލުގެ އަގު އިތުރަށް އުފުލި، ހަކަތައިގެ ބޮޑު ކުރިމަތިލުމަކަށް މުޅި ސަރަހައްދު ވެއްޓިގެންދާނެ ކަމެއް ކަމަށް އިގްތިސާދީ މުހައްލިލުން ބުނެއެވެ.




