އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން ހަމަލާއެއްގައި އެމެރިކާގެ ދެ ސިފައިން މަރުވެ، އެކަކު ގެއްލިފައިވާތީ، އޭގެ ބަދަލުހިފުމެއްގެ ގޮތުންނާއި އަދަބެއްގެ ގޮތުން އީރާނަށް އައު ވައިގެ ހަމަލާތަކެއް ދީފި ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޖެހިޖެހިގެން އަށްވަނަ ރޭ ދިން މި ހަމަލާތަކަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އަށް "އަވަސް އަދަބެއް" ދިނުމަށާއި، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓަކަށް އީރާނުން ކުރާ ބިރުދެއްކުންތައް ހުއްޓުވުމަށް ދިން ހަމަލާތަކެކެވެ.
މިދިޔަ ހުކުރު ދުވަހު އުރުދުންގައި ހުންނަ މުއައްފަގު ސަލްތީ އެއާ ބޭސްއަށް އީރާނުން ދިން މިސައިލް ހަމަލާގައި އެމެރިކާގެ ދެ ސިފައިން މަރުވެ، ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު އިރު، އެކަކު އަދިވެސް ވަނީ ގެއްލިފައެވެ. މިއީ 2026 ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި، އީރާނުގެ ސީދާ ހަމަލާއަކުން އެމެރިކާ ސިފައިން މަރުވި ފުރަތަމަ ފަހަރެވެ. މި ހާދިސާއާއެކު ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ ޖުމްލަ އަދަދު މިހާރު ވަނީ 16 އަށް އަރާފައެވެ. އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ މަރުވި ސިފައިންގެ ގުރުބާނީގެ ސަބަބުން އީރާނާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.
އެމެރިކާގެ އެންމެ ފަހުގެ ހަމަލާތައް އަމާޒުވެފައިވަނީ އީރާނުގެ ހޮރްމޮޒްގާން ޕްރޮވިންސްގެ ސިރިކް ސަރަހައްދަށާއި ގޭޝްމް ޖަޒީރާގެ އިތުރުން ޚޫޒެސްތާން ޕްރޮވިންސްގެ ޝަޑެގާން ސަރަހައްދަށެވެ. އީރާނުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި މި ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އެމެރިކާއިން ދަނީ އީރާނުގެ މުހިންމު އިންފްރާސްޓްރަކްޗާތަކަށް ބޮން އަޅަމުން ކަމަށްވާތީ، ގައުމުގެ ކަރަންޓުގެ ނިޒާމަށް ބޮޑެތި ބާރުތަކެއް ބޮޑުވެ، ކަރަންޓު ބޭނުންކުރުން މަދުކުރުމަށް އީރާނުގެ އެނާޖީ މިނިސްޓްރީން ވަނީ ރައްޔިތުންނަށް އަންގާފައެވެ.
އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާނުގެ އައު ސުޕްރީމް ލީޑަރު އަޔާތުالله ސައްޔިދު މުޖްތަބާ ޚާމަނާއީ ވަނީ، އެމެރިކާއިން އީރާނަށް ހަމަލާދިނުން ހުއްޓާނުލައިފިނަމަ "ދުވަހަކުވެސް ހަނދާންނުނެތޭނެ ފަދަ ފިލާވަޅެއް" ދޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. މީގެ އިތުރުން، އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބުއާބާދީ ވިދާޅުވީ، އެމެރިކާއިން އެއްބަސްވުންތަކާ ޚިލާފުވެފައިވާތީ، މީގެ މަހެއްހާ ދުވަސް ކުރިން ދެގައުމުގެ މެދުގައި ހެދި ވަގުތީ ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރުން އީރާނުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ. މި ނިންމުމާއެކު ދެފަރާތުގެ މެދުގައި އޮތް ސުލްހައިގެ އުންމީދުތައް ކެނޑި، މުޅި ސަރަހައްދު ވަނީ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައެވެ.




