ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ އެންމެ މަތީ ވެރިޔާގެ މަޤާމަށް ޚަލީލް އަލް-ޙައްޔާ އިންތިޚާބުވެވަޑައިގަތުމަކީ، އިސްރާއީލާއި އެމެރިކާގެ ހަމަލާތަކާ ދެކޮޅަށް ހަރަކާތްތެރިވާ "އިސްލާމީ މުޤާވަމަތު" (ރެސިސްޓަންސް) މިއަދު އަދިވެސް މާއެކީ ވަރުގަދަވެ، ހުރަސްތަކަށް ނުގުޑާކަން ސާބިތުކޮށްދޭ ކަމެއް ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ޤުދްސް ފޯސްގެ ކޮމާންޑަރު ވިދާޅުވެއްޖެއެވެ.
2024 ވަނަ އަހަރު ޔަޙްޔާ ސިންވާރު އަވާހަރާވުމާ ގުޅިގެން، ޙަމާސްގެ ވަގުތީ ލީޑަރޝިޕް ކައުންސިލުން އިސްކޮށް ހަރަކާތްތެރިވި ޚަލީލް އަލް-ޙައްޔާ ވަނީ އެ ޖަމާޢަތުގެ އެންމެ މަތީ ލީޑަރުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައެވެ. ކުރީގެ ސިޔާސީ ލީޑަރު ޚާލިދު މުޝްޢަލްއާ ދެކޮޅަށް ވާދަކުރައްވައި އަލް-ޙައްޔާ މި މަޤާމު ކާމިޔާބު ކުރެއްވީ ޙަމާސްގެ މަޖިލިސް އަލް-ޝޫރާގެ އެތެރޭގެ ވޯޓުލުމުންނެވެ.
އަލް-ޙައްޔާއަކީ ޙަމާސްގެ ޚާރިޖީ ގުޅުންތަކާއި، އިސްރާއީލާއެކު ކުރެވުނު ސުލްހައިގެ މަޝްވަރާތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި، އަދި އީރާނާއެކު ވަރަށް ބަދަހި ގުޅުމެއް ބާއްވަވަމުންދާ ބޭފުޅެކެވެ.
އީރާނުގެ ޤުދްސް ފޯސްގެ ކޮމާންޑަރު ޙަމާސްގެ އައު ލީޑަރޝިޕަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ، އިސްރާއީލުން ޙަމާސްގެ އިސް ލީޑަރުން އަވަހާރަކޮށްލައިގެން އެ ޖަމާޢަތް ބަލިކަށިކޮށްލަން ކުރި މަސައްކަތް މުޅިން ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި އަލް-ޙައްޔާގެ ލީޑަރޝިޕްގެ ދަށުން ފަލަސްޠީނުގެ މިނިވަންކަމުގެ ޖިހާދު އިތުރު ހިތްވަރާއެކު ކުރިއަށްދާނެ ކަމަށް އީރާނުން ބުންޏެވެ.
"އަދާވާތްތެރިން ޚިޔާލުކުރީ ލީޑަރުން އަވަހާރަކޮށްލުމުން މުޤާވަމަތުގ ނެތިގެންދާނެ ކަމަށް. ނަމަވެސް، ޚަލީލް އަލް-ޙައްޔާގެ އިންތިޚާބުން މުޅި ދުނިޔެއަށް ސާފުވެގެން މިދިޔައީ، އިސްލާމީ މުޤާވަމަތު މިއަދު އޮތީ ތާރީޚުގައިވެސް އެންމެ ވަރުގަދަގައި ކަމާއި، އެ ދަތުރު ހުއްޓުމެއްނެތި ކުރިއަށްދާނެ ކަން." ކޮމާންޑަރު
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އީރާނާ ގާތް ގުޅުމެއް އޮންނަ އަލް-ޙައްޔާ ޙަމާސްގެ އެންމެ މަތީ މަޤާމަށް އައުމަކީ، ކުރިއަށް އޮތް ތަނުގައިވެސް އީރާނާއި ޙަމާސްގެ އަސްކަރީ އަދި ސިޔާސީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ނިޝާނެކެވެ.



