އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ހާއްސަ ތަހުނިޔާގެ ސިޓީފުޅެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތު ވެސް މި އަހަރާ ދިމާވާތީ، މިއީ ދެ ގައުމަށް ވެސް ވަރަށް ޚާއްޞަ އަހަރެއްކަން ފާހަގކުރެއްވިއެވެ. އަދި ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ދެ ގައުމުގެ ގުޅުން މެދުކެނޑުމެއްނެތި ހަރުދަނާވެފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމުކުރުމާއި، ދެމެހެއްޓެނިވި ރަހުމަތްތެރިކަމާއި، ސުލްހައާއި ތަނަވަސްކަން ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތަކުގެ ސަބަބުންކަން ރައީސް ފާހަގަކުރެއްވިއެވެ.
އެމެރިކާއާއެކު އޮންނަ ގުޅުމަށް ދިވެހިރާއްޖެއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަން ހާމަކުރައްވަމުން، ސަލާމަތާއި ދިފާއީ ރޮނގުންނާއި، ވިޔަފާރިއާއި އިގުތިޞާދީ ތަރައްގީގެ އިތުރުން ތައުލީމީ ދާއިރާއިން ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުންމަތީ ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މީގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުން ކުރިއެރުވުމަށް ވެސް ރާއްޖެއިން އިސްކަންދޭނެ ކަމަށް ވިދާޅުވިއެވެ.
ސިޓީފުޅު ނިންމަވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ރަހުމަތްތެރިކަމާއި އެއްބާރުލުން އިތުރަށް ފުޅާކުރުމަށްޓަކައި އެމެރިކާގެ ރައީސް ޓްރަމްޕާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާ ކަމަށެވެ.
ދިވެހިރާއްޖެއާއި އެމެރިކާއިން ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުއެވެ. ރާއްޖެއަށް މިނިވަންކަން ލިބުމާއެކު އެމެރިކާއިން ރާއްޖެ ބަލައިގަނެ، އެ ގައުމުގެ ސަފީރެއް ވަނީ އައްޔަންކޮށްފައެވެ.




