ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ މާލީ ނިޒާމު ބަދަލުވެގެންދާނީ ފަރުދާގެ ފުރަގަހުން ހިންގާލެވޭ ފަސޭހަ ނިޒާމަކަށް ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ. މޯލްޑިވްސް ފައިނޭންޝަލް ފޯރަމްގެ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން އޭނާ ސިފަކުރެއްވި ގޮތުގައި މުސްތަގުބަލުގައި ފެންނާނެ އެންމެ ބޮޑު ބަދަލަކީ ފައިސާގެ މުއާމަލާތްތައް ކުރެވޭގޮތް ލުއިފަސޭހަވެ، ގާތްގަނޑަކަށް އިންވިސިބަލް ކަމަކަށް ވެގެންދިއުމެވެ.
އެޕްލިކޭޝަން ޕްރޮގްރާމް އިންޓަފޭސް ނުވަތަ އޭޕީއައި މެދުވެރިކޮށް ގުޅާލެވޭ މި ނިޒާމުގެ ސަބަބުން، ކޮންމެ ބޭންކެއް ބޭނުންކުރި ނަމަވެސް އެއްވެސް ދަތިކަމެއް ނެތް ސީމްލެސް މުއާމަލާތްތަކެއް ހިންގޭނެއެވެ. މީގެ އިތުރުން ޑިޖިޓަލް އައިޑެންޓިޓީ އާއި ފިންގާޕްރިންޓު ނުވަތަ ފޭސް އައިޑީ ފަދަ ބަޔޯމެޓްރިކްސްގެ ވަސީލަތްތައް ކޮންމެ ދުވަހެއްގެ މުއާމަލާތްތަކުގެ ތެރެއަށް ތައާރަފުވެގެންދާނެއެވެ. މީގެ ސަބަބުން މުއާމަލާތްތައް ފަސޭހަ، ރައްކާތެރި އަދި އެންމެންނަށް ބައިވެރިވެވޭ ފަދަ ކަމަކަށް ވެގެންދާނެއެވެ.
އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ޕޭމަންޓް ޑޭޓާ ބޭނުންކޮށްގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވަގުތުން ވޯކިން ކެޕިޓަލް ފޯރުކޮށްދިނުމާއި، މާލީ ހާލަތާ ގުޅޭ ލަފާދިނުމުގެ އިތުރުން މަކަރާއި ހީލަތް ހުއްޓުވުމުގެ ރައްކާތެރިކަންވެސް އިތުރަށް ވަރުގަދަކުރެވޭނެއެވެ.
ދުނިޔޭގެ ބާޒާރުގައި އަލަށް ތައާރަފުވަމުންދާ އީޖާދުތަކަށް ރާއްޖެ ތައްޔާރުވާންޖެހޭކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ސްޓޭބަލް ކޮއިންސް ނުވަތަ ކްރިޕްޓޯ ކަރެންސީން ފައިސާ ދައްކަން ބޭނުންވާ ހާލަތްތަކުގައި އެފަދަ ކަރަންސީތައް ބަލައިގަންނަ އެއްޗަކަށް ހަދަންޖެހޭ ކަމަށެވެ.
މި ހުރިހާ ބަދަލުތަކަކަށް ދިއުމަށްޓަކައި އެންމެ ބޮޑު އިންވެސްޓްމަންޓެއް ކުރަންޖެހެނީ ޑިޖިޓަލް ދާއިރާއަށް އާންމުން ހޭލުންތެރިކުރުވުމަށެވެ. އަދި މުވައްޒަފުންގެ ހުނަރު އިތުރުކުރުމާއި، ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމާއި، ބޭންކުތަކާއި ރެގިއުލޭޓަރުންނާއި ފިންޓެކް ކުންފުނިތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުން މުހިންމެވެ. ކޮންމެ މީހަކު ބޭނުންކުރަނީ ކޮން ބޭންކެއްތޯ ބެލުމުގެ ބަދަލުގައި ފައިސާގެ މުއާމަލާތްތަކަކީ ރައްކާތެރިކަމާއެކު އަވަހަށް ހިނގާ، ކޮންމެ ޕްލެޓްފޯމެއްގައިވެސް ބަލައިގަންނަ ކަމަކަށް ވާންޖެހޭނެއެވެ.
"އަޅުގަނޑުމެންނަށް ބިންގާ އެޅިއްޖެ. ނަމަވެސް މިއީ އަދި ނިމުމެއް ނޫން. ޑިޖިޓަލް ޕޭމަންޓްސްގެ ދާއިރާގައި ޓެކްނޮލޮޖީ ކުރިއަރަމުންދާ ދުވެލި ހަލުވިކަމުން، އެއްވެސް މުއައްސަސާއަކަށް އެއްތާކު ހުއްޓި ހުންނާކަށް ފުރުސަތެއް ނެތް. އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމަކީ މެދުނުކެނޑި ދަސްކުރުމާއި، ބަދަލުވަމުންދާ ހާލަތްތަކަށް ހޭނުމުގެ ގާބިލުކަން،" ޝަރީފް ވިދާޅުވި އެވެ.



