ޔަމަނުގެ ހޫތީ ޖަމާއަތުން ދެމުންދާ އަސްކަރީ އިންޒާރުތަކަށް ރައްދުދީ، ސައޫދީ އަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ވަރުގަދަ ބަޔާނެއް ނެރެފިއެވެ.
ޔަމަނުގެ ވައިގެ ސަރަހައްދަށް ވަދެގަތް ކަމަށް ބުނެ ހޫޘީން ސައޫދީއަށް ދިން އިންޒާރުތަކާ ގުޅިގެން، ސައޫދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ވަނީ ހޫޘީންގެ ނުރައްކާތައް ހުއްޓުވުމަށްޓަކައި ކުރިން ނުފެންނަ ފަދަ ވަރުގަދަ އަސްކަރީ ބާރެއް ބޭނުންކުރަން ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ. މި ބަދަލާއެކު މެދުއިރުމަތީގެ މަސްރަހު އަނެއްކާވެސް ހޫނުވެ، ބޮޑު ހަމަލާ ބަދަލުކުރުމަކަށް މަގުފަހިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ސައޫދީ ކޯލިޝަނުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ސައޫދީ އަރަބިއްޔާގެ ސަލާމަތާއި އިސްތިގްލާލަށް އުނިކަން އަންނާނެ ފަދަ އެއްވެސް އަމަލަކަށް ފުރުޞަތެއް ނުދޭނެ ކަމަށެވެ. އަދި ހޫޘީންގެ ފަރާތުން ސައޫދީގެ ބޯޑަރުތަކަށާއި، އާންމު ރައްޔިތުންނަށް ނުވަތަ އިގްތިޞާދީ މަރުކަޒުތަކަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިކުރުވަން އުޅެފިނަމަ، އެކަމުގެ ރައްދު ދޭނީ އިންތިހާއަށް ވަރުގަދަކޮށް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
"އަހަރެމެންގެ ސަލާމަތީ ރައްކާތެރިކަމަށް ހުރަސްއަޅާ ކޮންމެ ނުރައްކަލަކާ ކުރިމަތިލާނީ ކުރިން ދުވަހަކުވެސް ބޭނުންނުކުރާ ފަދަ ވަރުގަދަ އަސްކަރީ ބާރަކާއެކު. ހޫޘީންގެ ހަރުކަށި އަމަލުތަކުގެ ސަބަބުން ސަރަހައްދީ ސުލްހައަށް ކުރާ އެންމެހާ އަސަރުތަކުގެ ޒިންމާ އެ ޖަމާއަތުން އުފުލަންޖެހޭނެ." އެކޯލިޝަނުން ބުނެއެވެ.
ސައޫދީން މިފަދަ ވަރުގަދަ ބަޔާނެއް ނެރެފައިވަނީ، ސައޫދީގެ އަސްކަރީ އުޅަނދުތަކެއް ޔަމަނުގެ ވައިގެ ސަރަހައްދަށް ވަދެގަތް ކަމަށް ބުނެ ހޫޘީން ސައޫދީގެ މުހިންމު ސަރަހައްދުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެންނެވެ. ދެ ފަރާތުގެ ދެމެދުގައި ސުލްހައިގެ ވާހަކަތަކެއް ދެކެވެމުން ދިޔަ ނަމަވެސް، މި ފަހުގެ ނުތަނަވަސްކަމުގެ ސަބަބުން ސުލްހައިގެ އުންމީދުތައް ވަނީ ވަރަށް ބޮޑަށް ފަނޑުވެފައެވެ.
ބައިނަލްއަގުވާމީ މުހައްލިލުން އިންޒާރުދޭ ގޮތުގައި، މި ދެ ބާރުގެ ދެމެދުގައި އަލުން ހަމަލާ ބަދަލުކުރަން ފަށައިފިނަމަ، އެއީ މުޅި މެދުއިރުމަތީގެ އިގްތިޞާދަށާއި ރަތް ކަނޑުގެ ދަތުރުފަތުރަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެކެވެ.



