ހުރިހާ ދިވެހި ރައްޔިތުންނަށް ރިސޯޓް ހިއްސާ ދިނުމަށްޓަކައި އެކަމަށް ބޭނުންވާ ރަށްތަކާއި ފަޅުތައް ކަނޑައަޅައި، ނިމުމުގެ މަރުހަލާގައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތްތައް ދަނީ "އޮން ޓްރެކް" ގައި ކަމަށެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުއިއްޒު އިއުލާންކުރައްވާފައިވާ ގޮތުން، 2030 ވަނަ އަހަރުން ފެށިގެން ހުރިހާ ދިވެހިންނަށް ރިސޯޓް ހިއްސާގެ ފައިދާ ލިބެން ފަށާނެއެވެ.
އެގޮތުން، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓް ހަދައި، އެ ތަންތަނުން ލިބޭ ފައިދާގެ ބޮޑު ބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް ކޮންމެ ދިވެއްސެއްގެ ބޭންކު އެކައުންޓަށް އަހަރުއަކު އެއްފަހަރު ޑޮލަރުން ޖަމާކޮށްދޭނެއެވެ.
ރައީސް ވިދާޅުވީ، ހިއްސާ ދިނުމަށް ރިސޯޓްތައް ހަދާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީ ހިމެނޭހެން ޚާއްޞަ ކޮމިޓީއަކުން ކުރަމުން އަންނަ ކަމަށެވެ. މިހާރު ކުރިއަށްދަނީ އެކަމަށް އެންމެ ފީޒިބަލް (އެކަމަށް އެންމެ އެކަށީގެންވާ) ތަންތަން ދެނެގަތުމުގެ މަސައްކަތްެވެ.
"ތީ ވަރަށް އެމްބިޝަސް ޕްރޮޖެކްޓެއް.. މިހާރު ރަށްތައް އައިޑެންޓިފައި ކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމުމަކާއި ހަމައަށް އެދަނީ. ރަށްރަކާއި ފަޅުތަކެއް އައިޑެންޓިފައި މިކުރަނީ އެކަމަށް އެންމެ ފީޒިބަލްކޮށް ހުރި ތަންތަން. އެ ތަންތަން އައިޑެންޓިފައި ކޮށް ނިންމާ އެތަންތަނުގެ ފީޒިބިލިޓީގެ ކަންކަން ކުރިޔަށްދަނީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި މަސައްކަތް ނިމުމުން ސަރުކާރުން ކުންފުންޏެއް ކަނޑައަޅައި، އެ ކުންފުނި މެދުވެރިކޮށް ދެން އޮތް މަރުހަލާގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ރައީސް ބުންޏެވެ.
މި މަޝްރޫޢުގެ ސަބަބުން ދިވެހި އާއިލާތަކުގެ މާލީ ހާލަތަށް ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން ކޮންމެ ރައްޔިތަކަށް އަހަރަކު މަދުވެގެން 400 އެމެރިކާ ޑޮލަރު ލިބޭނެއެވެ. އަދި ފަސް މެންބަރުންގެ އާއިލާއަކަށް ބަލާނަމަ، އެ އާއިލާއަކަށް އަހަރަކު މަދުވެގެން 2,000 އެމެރިކާ ޑޮލަރު ލިބިގެންދާނެއެވެ. މީގެ އިތުރުން މި ހިއްސާގެ މިލްކުވެރިކަމުގެ ދަށުން ކޮންމެ ރައްޔިތަކީވެސް މަދުވެގެން ސަރުކާރުން ހަދާ 10 ރިސޯޓެއްގެ ޝެއާހޯލްޑަރަކަށް ވެގެންދާނެއެވެ.
ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުން ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ރާއްޖޭގައި މިހާރު ރިސޯޓްތައް ނެތް ސަރަހައްދުތައް ދެނެގަނެ، އެ ސަރަހައްދުތަކުގައި ރިސޯޓްތައް ތަރައްގީކުރުމަށް އިސްކަންދޭނެ ކަމަށެވެ.




