އަދަދު ނޫހުން ފާޅުކުރި ކޮންޓެންޓަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު (ޚަބަރު ފެތުރުން މަނާކުރާ އަމުރު) ބާތިލުކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާނުލައި، ސިއްރުން ކުރިއަށްގެންދިއުމަށް ހައިކޯޓުން ނިންމައިފިއެވެ.
އަދަދު ނޫހުގެ އެޑިޓަރު ޙުސައިން ފިޔާޒް މޫސާގެ ފަރާތުން އިސްތިއުނާފު ކުރި މި މައްސަލައިގެ އަޑުއެހުންތައް ހޯމަ ދުވަހުގެ ހެނދުނަށް ތާވަލުކޮށްފައިވާއިރު، މިއީ ސިއްރު ޝަރީޢަތެއްގެ ގޮތުގައި ކުރިއަށްގެންދަން ނިންމެވި ވަކި ޚާއްޞަ ސަބަބެއް ހައިކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ދަށު ކޯޓު ކަމަށްވާ ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރުވެސް ކުރިއަށް ގޮސްފައިވަނީ އާންމުކޮށް ހުޅުވާނުލައެވެ. އާންމުގޮތެއްގައި އާންމުންގެ ބޮޑު ޝައުޤުވެރިކަމެއް އޮންނަ ބާވަތްތަކުގެ މައްސަލަތައް ހައިކޯޓުން ލައިވްކޮށް ދައްކަމުން ދިޔަ ނަމަވެސް، މި މައްސަލަ ސިއްރުކުރަން ނިންމި ސަބަބު ކޯޓުން ހާމަކޮށްފައި ނުވާތީ އެކަން އޮތީ ސާފުނުވެއެވެ. ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމާއި، ފަނޑިޔާރު ޙުސައިން މަޒީދުގެ އިތުރުން ފަނޑިޔާރު ފާޠިމަތު ފަރުހީޒާއެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި މުޖުތަމައުގެ ތެރޭގައި ވަކި ޚާއްޞަ ކޮންޓެންޓެއް ދައުރުކުރުން ވަނީ މަނާކޮށްފައެވެ.
އަމުރުގެ މާނަ: އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ދެއްކުމާއި، ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައާ ގުޅުވައިގެން މައްސަލައިގެ އެއްވެސް ޙަސްމެއްގެ ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހެއްގެ އެއްވެސް ވާހަކައެއް ދެއްކުން މި އަމުރުގެ ދަށުން ވަނީ މަނާކޮށްފައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޮންމެ މީހަކަށްމެ އެމީހެއްގެ މައްޗަށް ކުރެވޭ ދައުވާތަކާއި ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތް އާންމުކޮށް ހުޅުވާލައިގެން ބޭއްވުމުގެ ޙައްޤު ލިބިގެންވެއެވެ. ނަމަވެސް، ވަކި ޚާއްޞަ ޙާލަތްތަކެއް ދިމާވުމުން ޝަރީޢަތް ސިއްރުކުރުމުގެ ބާރު ފަނޑިޔާރުންނަށް ލިބިދެއެވެ.
ޖިންސީ ކުށުގެ މައްސަލަތައް ފަދަ، މައްސަލައިގެ ބާވަތުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަކީ އަޚުލާޤީ ގޮތުން އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ޙާލަތްތަކުގައި ޝަރީޢަތްތައް ސިއްރުކުރެވެއެވެ. ހަމައެހެންމެ، އާންމު ނިޒާމު ހިފެހެއްޓުމަށްޓަކައި ޝަރީޢަތް ހުޅުވާލުމުން އާންމު މަސްލަހަތު ގެއްލިދާނެ ކަމަށް ފެންނަ ޙާލަތްތަކުގައިވެސް މި ފިޔަވަޅު އަޅައެވެ.
ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ނާޒުކު މަޢުލޫމާތުތަކެއް ހާމަވެދާނެ ކަމަށް ބެލެވޭ ޙާލަތްތަކާއި، އަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅިދާނެ ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭ ޚާއްޞަ ޙާލަތްތަކުގައިވެސް ޝަރީޢަތް ސިއްރުކުރެވެއެވެ. މީގެ އިތުރުން ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލަތަކާއި އާއިލީ މައްސަލަތަކަކީވެސް އާންމުކޮށް ސިއްރުން ކުރިއަށްގެންދާ ބާވަތްތަކެވެ.
ޝަރީޢަތް ސިއްރުކުރުމަށް އެދި ދައުލަތުން ނުވަތަ މައްސަލައިގައި ހިމެނޭ އެހެން ފަރާތަކުން ކޯޓުގައި އެދުމުގެ ފުރުޞަތު އޮވެއެވެ. މީގެ އިތުރުން ފަނޑިޔާރުގެ އަމިއްލަ އިސްނެގުމުގައިވެސް ޝަރީޢަތް ސިއްރުކުރުމަށް ނިންމިދާނެއެވެ. ބައެއް ޙާލަތްތަކުގައި މުޅި ޝަރީޢަތް އެއްކޮށް ސިއްރުކުރުމުގެ ބަދަލުގައި، ވަކި ޚާއްޞަ ބައެއް ނުވަތަ ވަކި ހެކިބަހެއް ނެގުން އެކަނިވެސް ސިއްރުކުރުމުގެ އިޚުތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
ޝަރީޢަތުގެ އަޑުއެހުންތައް ސިއްރުކުރި ނަމަވެސް، މައްސަލައިގެ ނިހާއީ ޙުކުމް އިއްވަންވާނީ އަބަދުވެސް އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައެވެ. އެހެންނަމަވެސް، ޙުކުމް އިއްވާއިރު އޭގައި ހިމެނޭ ބައެއް ނާޒުކު މަޢުލޫމާތުތައް (މިސާލަކަށް އަނިޔާ ލިބުނު މީހާގެ ޒާތީ މަޢުލޫމާތު) ސިއްރުކުރުމުގެ ޤާނޫނީ އިޚުތިޔާރު ކޯޓުތަކަށް އޮވެއެވެ.



