ޝަރަފުވެރިކަމާއެކު ރިޓަޔަރކުރާ ފުލުހުންގެ އިނާޔަތްތަކާއި ބޭސްފަރުވާގެ ނިޒާމަށް ބޮޑެތި، ހެޔޮ ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ މިފަދައިން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކަށް ދެވޭ އިނާޔަތްތައް ހިސާބުކުރުމުގައި މިހާރު އަމަލުކުރާ އުސޫލުތަކަށް އިންގިލާބީ ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން، އިނާޔަތްތައް ހިސާބުކުރުމުގައި މިހާރު އޮތް ލިމިޓު ބަދަލުކުރުމުގެ އިތުރުން، ފުލުހުން ޚިދުމަތްކޮށްފައިވާ މުއްދަތަށް ބަލައި، ލިބޭ އިނާޔަތްތައް ހަމަޖެއްސުމުގައި ޚިދުމަތުގައި 25 އަހަރު ފުރިހަމަކޮށްފައިވާ ފުލުހުންނެކޭ އެއްފަދައިން ބޭސްފަރުވާގެ ޚިދުމަތް ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފައެވެ.
"ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއި އެކު ދޭ އިނާޔަތްތައް ހިސާބުކުރުމުގައި އޮތް ލިމިޓު ބަދަލުކުރުމަށް ނިންމާފައިވާކަމުގެ އުފާވެރި ޚަބަރު. ހަމައެއާއި އެކު އެ ފުުލުހުން ޚިދުމަތްކޮށްފައިވާ މުއްދަތަށް ބަލާ، ލިބޭ އިނާޔަތްތައް ހަމަޖެއްސާދިނުމުގައި ޚިދުމަތުގައި 25 އަހަރު ވުމަށް ފަހު ޚިދުމަތުގައި ދެމިހުރި ފުލުހެކޭ އެއްފަދައިން ބޭސްފަރުވާ ހަމަޖައްސާދިނުމަށް މިހާރު ވަނީ ނިންމާފައި." ކޮމިޝަނަރ ވިދާޅުވިއެވެ.
ސަރުކާރުން ފުލުހުންގެ ކަންކަން ހަރުދަނާކުރުމަށާއި، އެ ފަރާތްތަކަށް އާ ފުރުޞަތުތައް ހޯދައިދިނުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށެވެ. އަދި ފުލުހުން އަބަދުވެސް އުއްމީދުކުރާ ފަދަ ހެޔޮ އަދި އުއްމީދީ ބަދަލުތައް މުޅި ހިންގުމުގެ ދާއިރާއަށާއި ޚިދުމަތުގެ ކުރިއެރުމަށް ސަރުކާރުން ގެންނަވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފުލުހުންގެ މުއައްސަސާއިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު މަސައްކަތްތައް އެންމެ ފުރިހަމައަށް ކޮށްދިނުމަށް ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައިވެސް ފުލުހުންގެ ހުރިހާ ހަރަކާތްތަކެއް ބައްޓަންކުރެވޭނީ އާންމު ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން މުއައްސަސާއަށް ލިބޭނެ މަގުންނެވެ.
މިގޮތުން ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް އިތުރުކުރުމާއި، އިންސާނީ ވަސީލަތް ތަރައްޤީކޮށް މީހުން ތަމްރީނުކުރުން ފަދަ މަސައްކަތްތަކަށް އެ އިދާރާއިން ޚާއްޞަ އިސްކަމެއް ދޭނެއެވެ. ފުލުހުންގެ މަސައްކަތްތައް ހިންގުންތެރިކަމާއެކު ކުރިއަށްގެންގޮސް، މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތްކުރުން މަތީ އެ އިދާރާ ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.



