ކޮންމެ ދުވަހަކު ޤައުމުގެ އަމަންއަމާންކަން ރައްކާތެރިކުރުމަށް މުޖުތަމައުގައި ތަންފީޒީ އިދާރާއެއްގެ ގޮތުން ފުލުހުންގެ ފަރާތުން ދެއްވާ ޚިދުމަތަކީ ޤައުމީ ވަރުގަދަ ޚިދުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޖަލްސާގެ ޝަރަފުވެރި މެހެމާނު، ރައީސް ޑރ. މުޢިއްޒު ވަނީ ފުލުހުންގެ މުއައްސަސާގެ އަގު ވަޒަންކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
"މި މުއައްސަސާ ހަރުދަނާ މުއައްސަސާއަކަށް ވެގެންދަނީ ވަރަށް ގިނަ ކަންތައްތަކެއް އެކުލެވިގެން. އެންމެ މުހިންމު ކަންކަމުގެ ތެރޭގައި އިތުބާރުހުރި ގޮތެއްގައި ރައްޔިތުންނަށް އެންމެ އެދެވޭ ގޮތުގައި އެންމެ ފުރިހަމައަށް ވަރަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ހިދުމަތްދޭ މުއައްސަސާއަަކަށް ވެގެންދިޔުން. ކޮންމެ ދުވަހަކު ގައުމުގެ އަމަން އަމާންކަން ރައްކާތެރިކުރުމަށް މުޖުތަމައުގައި ތަންފީޒީ އިދާރާއެއްގެ ގޮތުން ފުލުހުންގެ ފަރާތުން ދެއްވާ ހިދުމަތަކީ ވަރުގަދަ ގައުމީ ހިދުމަތެއް. ވެވަޑައިގަންނަވާ ވަރަށް ބޮޑު ގުރުބާނީއެއް. އަދި ފުލުހުންގެ އާއިލާތަކުން ވެސް އެ ދެއްވަނީ ވަރުގަދަ ގައުމީ ހިދުމަތެއް، ޖިހާދެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއް ދޭނެ ސިޔާސަތަކީ ފުލުހުންގެ މުއައްސަސާ ވަރުގަދަކުރުން ކަމަށެވެ. އަދި ދިފާއީ ހިދުމަތްތައް ހަރުދަނާކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމުގައި ދެކިލައްވާ ކަމުގެ ފުރިހަމަ ޔަގީންކަން ފުލުހުންނަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ރައީސް ދެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ފުލުހުންގެ ޚިދުމަތުން ޤައުމުގެ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ކޮށްފައިވާ ބުރަ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ތިރީގައިވާ ދާއިރާތަކުން ފުލުހުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރެއްވިއެވެ:
-
ޑްރަގުގެ ވަބާ: މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކޮށް، މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުން.
-
ގޭންގު ކުށްތައް: ގޭންގުތަކުން ކުރާ ކުށްތައް ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރުން.
-
ނުގަވާއިދުން އުޅޭ ބިދޭސީން: ބިދޭސީންގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކުރުމަށް ބޮޑު އެއްބާރުލުމެއް ދިނުން.
-
އާއިލާތަކުގެ ރައްކާތެރިކަން: ސަރުކާރުގެ އިޖުތިމާއީ ސިޔާސަތުގެ ތެރެއިން ރައްޔިތުންނާ އެންމެ ގާތުން ހަމަޖެހުން ޤާއިމުކޮށްދިނުން.
ރައީސް ވިދާޅުވީ މި ބަދަލުތައް މުޖުތަމައުން ފެންނަނީ ފުލުހުން އެ ބޭފުޅުންގެ ވާޖިބު އަދާކުރަނީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ވަކި ފަރާތަކަށް ނުޖެހި، އިހުލާސްތެރިކަމާއެކު ކަމަށްވާތީ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މިހާރު ފުލުހުންގެ ގާނޫނު ބައްޓަންކުރެވިފައި އޮތް ގޮތުން ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް ބައެއް ހުރަސްތައް އެބަހުއްޓެވެ. އެހެންކަމުން، ފުލުހުންގެ ގާނޫނަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެ ބަދަލުތައް ދިރާސާކޮށް ސަރުކާރަށް ހުށަހެޅުމުން އެކަމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު
ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރި ދަތިތައް ހައްލުކުރުމަށްޓަކައި، ކުރިއަށް އޮތް ތަނުގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމަށް ބަޖެޓު ކުރެވިފައިވާ ކަން ރައީސް ހާމަކުރެއްވިއެވެ.
-
ދ. ވާނީ ޓްރެއިނިންގ ފެސިލިޓީ: މި ތަނަކީ އެންމެ ޒަމާނީ ފެންވަރުގެ ފެސިލިޓީއަކަށް ހެދުން.
-
އައްޑޫ ޓްރެއިނިންގ ސެންޓަރު: ސެންޓަރުގެ އާބާތުރަ ފިލުވައި ބެލެހެއްޓުމުގެ ހާއްސަ މަސައްކަތްތަކެއް ކުރުން.
-
އިސްކަންދަރުކޮށި 2: ފުލުހުންގެ ބޭނުންތަކަށް އައު އިމާރާތެއް ބިނާކުރުން.
-
ހުޅުމާލެ ފޭސް 2: ޖާގަ ބޮޑު އެކަށީގެންވާ މަރުކަޒެއް އެޅުމަށް މި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުން.
-
ޝަހީދު ޙުސައިން އާދަމް ބިލްޑިންގ: ޒަމާނަށް ފެތޭ ޖާގަ ތަނަވަސް ތަނަކަށް ހެދުމުގެ މަސައްކަތް ފެށުން.
-
ރަށްރަށުގެ މަރުކަޒުތައް: ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމަށް ކަނޑައަޅާފައިވާ ފުލުހުންގެ އެކި ގިންތީގެ މަރުކަޒުތަކުގެ މަސައްކަތް މި އަންނަ އަހަރު އެއްކޮށް ނިންމުން.




