ހޯމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު، ރަސްމީކޮށް ކަނޑައަޅާފައިވާ "ރައްކާތެރި ކޮރިޑޯ" ނޫން އެހެން މަގަކުން ދަތުރު ނުކުރުމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ކަނޑުގެ ސިފައިން ވަރުގަދަ އިންޒާރެއް ދީފިއެވެ.
އަދި މި އުސޫލާ ޚިލާފުވާ އުޅަނދުފަހަރާ މެދު "ހަރުކަށި ފިޔަވަޅު" އަޅާނެ ކަމަށް ވެސް އައިއާރުޖީސީންް ވަނީ ބުނެފައެވެ.
އައިއާރުޖީސީ އިން ހާމަކުރި ގޮތުގައި، ދަތުރުފަތުރު ކުރުމަށް އޮތް ހަމައެކަނި ރައްކާތެރި މަގަކީ ކުރިން ވެސް އިޢުލާންކޮށްފައިވާ "ލާރަކް ކޮރިޑޯ" އެވެ. މި މަގު އޮންނަނީ އީރާނުގެ ސަރަހައްދީ ކަނޑުގެ ތެރޭގައެވެ.
މި ނޫން މަގަކުން ދަތުރުކުރާ ކޮންމެ އުޅަނދަކީ ރައްކާތެރިކަމެއް ނެތް އުޅަނދެއް ކަމަށް ބަލައި، އެފަދަ އުޅަނދުފަހަރާ މެދު އައިއާރުޖީސީގެ ސިފައިންގެ ލަޝްކަރުން ފިޔަވަޅު އަޅާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
މި އެންގުން އައިސްފައިވަނީ ގަލްފު ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މި ނިންމުމާއެކު، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާ ހޯމުޒް ކަނޑުއޮޅީގެ މައްޗަށް އޮތް އީރާނުގެ ކޮންޓްރޯލް އިތުރަށް ވަރުގަދަވެގެންދާނެއެވެ.
މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިހާރު ދުރާލައި ހުއްދަ ހޯދަން ޖެހޭއިރު، އީރާނުން ކަނޑައަޅާފައިވާ ވަކި މަގުތަކަކުން ދަތުރުކުރުން ވަނީ މަޖުބޫރުކޮށްފައެވެ.
މި ސަރަހައްދުގެ ދަތުރުފަތުރަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ، ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރު ކުރާ ކުންފުނިތަކާއި އެކި ޤައުމުތަކުގެ ސަރުކާރުތަކުން ދަނީ މި ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.




