އެމެރިކާއިން ހަމަލާތައް އަލުން ފަށައިފިނަމަ، ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް "ވަރުގަދަ އަދި ތަދު ނުފިލާ ވަރުގެ" ރައްދެއް ދޭނެ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ.
އޭޕްރީލް 8 އިން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، މަސްރަހު މިހާރު ވަނީ އަނެއްކާވެސް ނުތަނަވަސްވެފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި ބޭއްވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އީރާނަށް ލިބިގެންވާ ހައްގެއް ކަމަށެވެ.
ތެޔޮ ސަޕްލައިއަށް ބޮޑު ނުރައްކަލެއް
އީރާނާއި އެމެރިކާ-އިޒްރޭލު އިއްތިހާދާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ދެ މަސްވެފައިވާއިރު، ދުނިޔޭގެ ތެލާއި ގޭސް ސަޕްލައިގެ 20 އިންސައްތަ ހިއްސާކުރާ ހޮރްމޫޒް ކަނޑުއޮޅި އަދިވެސް އޮތީ ބަންދުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.
އީރާނުގެ ރޫހީ މާލިމީ މުޖްތަބާ ޚާމަނޭއީ ވިދާޅުވީ، އެ ކަނޑުއޮޅިއަށް "ބޭރުގެ ފަރާތްތަކުން" ވަންނަން އުޅޭނަމަ އެމީހުންގެ މަންޒިލަކަށް ވާނީ ކަނޑުގެ އަޑި ކަމަށެވެ.
އެމެރިކާގެ ނިންމުން އޮތީ ކޮންގްރެސްގައި
އެމެރިކާގެ ކޮންގްރެސްއިން ހަނގުރާމަ ކުރިއަށް ގެންދިއުމަށް ދީފައިވާ މުއްދަތު މިއަދަށް ހަމަވާނެއެވެ. އެމެރިކާގެ ބައެއް ސެނެޓަރުން ވަނީ އަނެއްކާވެސް ކުއްލި ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވެފައެވެ. ޚަބަރުތައް ބުނާގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ގެންދަވަނީ އީރާނަށް ދޭނެ އިތުރު ހަމަލާތަކުގެ ބްރީފިންތައް ނަންގަވަމުންނެވެ.
މި ނުތަނަވަސްކަމާ ގުޅިގެން ޔޫއޭއީ އާއި ބަހްރޭނުން ވެސް ވަނީ އީރާނުގެ އަމަލުތައް ކުށްވެރިކޮށް، އެ ސަރަހައްދުގެ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެފައެވެ. ޕާކިސްތާނުން އިސްނަގައިގެން ސުލްހަ ގާއިމުކުރަން ކުރި މަސައްކަތްތަކަށް ވެސް މިހާރު ވަނީ ހުއްޓުމެއް އައިސްފައެވެ.




