މި މަހުގެ ކުރީކޮޅު އެމެރިކާއިން އީރާން ކަނޑު މަގުން ހިސޯރުކުރި ފަހުން އެތައް ތެޔޮ ޓޭންކަރެއް ރެކިފައިވާކަން، ރިޕޯޓްތައް ބުނެފިއެވެ.
ފައިނޭންޝަލް ޓައިމްސްގެ ބުދަ ދުވަހުގެ ރިޕޯޓެއްގައި ވޯޓެކްސާ އާ ހަވާލާދީ ބުނެފައިވަނީ، އޭޕްރިލް 13 ގައި އެމެރިކާއިން އެޅި ހުރަސްތަކަށް ފަހު، އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލާ އުޅަނދުތައް ހިމެނޭހެން 34 ޓޭންކަރެއް އެ ހުރައްތަަކުން ރެކިފައިވާ ކަމަށެވެ.
މި އުޅަނދުތަކުގެ ތެރޭގައި ފާރިސް ކަނޑުއޮޅިން ނުކުމެގެން ބައިނަލްއަގުވާމީ ބަނދަރުތަކަށް ދަތުރުކުރި 19 ޓޭންކަރަކާއި، އަރަބި ކަނޑުން ވަދެ އީރާނުގެ ބަނދަރުތަކަށް މިސްރާބުޖެހި 15 އުޅަނދެއް ހިމެނޭ ކަމަށް އެ މައުލޫމާތުން ދައްކައެވެ.
ރިޕޯޓުގައިވާ ގޮތުން، އެމެރިކާގެ ހުރަސްތަކުގެ ތެރެއިން ފާރިސް ކަނޑުއޮޅިން ނުކުތް ޓޭންކަރުތަކުގެ ތެރެއިން ހަ އުޅަނދަކީ 10.7 މިލިއަން ފީފާގެ އީރާނު ތެޔޮ އުފުލި އުޅަނދުތަކެވެ. މީގެ އަގު 910 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ.
ފައިނޭންޝަލް ޓައިމްސްއިން ބުނި ގޮތުގައި، އެމެރިކާގެ ހުރަސްތަކުން ރެކިގެން ފާރިސް ކަނޑުއޮޅިން ނުކުތް އެއް އުޅަނދަކީ އީރާނުގެ ދިދަ ޖަހާފައިވާ 'ޑޮރީނާ' ނަމަކަށް ކިޔާ ސުޕަޓޭންކަރެކެވެ. މި އުޅަނދު އޭޕްރިލް 17 ގައި އީރާނުގެ ކަނޑުގެ ސަރަހައްދުން ނުކުމެ، އޭގެ އެއްދުވަސް ފަހުން އިންޑިއާގެ ދެކުނު އައްސޭރިފަށުން އޭގެ ޕޮސިޝަން ސިގްނަލް ކޮށްފައިވެއެވެ.
މި ޓޭންކަރަކީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ، އަދި އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރާ ފްލީޓުގެ މުހިންމު އެއް އުޅަނދެވެ.
ވޯޓެކްސާގެ މައުލޫމާތުން ދައްކާ ގޮތުގައި، އެމެރިކާއިން ފިޔަވަޅު އަޅާފައިވާ އިތުރު ދެ ޓޭންކަރެއް އޭޕްރިލް 20 ގައި އީރާނުގެ ބަނދަރުތަކުގެ ހުރަސްތަކުން ރެކިފައިވާއިރު، އެހެން ގައުމުތަކުގެ ދިދަ ޖަހާފައިވާ ފިޔަވަޅު އަޅާފައިވާ އިތުރު ބައެއް އުޅަނދުތައް އޭގެ ފަހުގެ ދުވަސްތަކުގައި ފާރިސް ކަނޑުއޮޅިއަށް ވަދެފައިވެއެވެ.
މިކަން މިގޮތަށް ހިނގާފައި މިވަނީ، އީރާނާ ދެކޮޅަށް އެޅި ކަނޑުގެ ހުރަސްތަކަކީ "ބޮޑު ކާމިޔާބީއެއް" ކަމަށް ޓްރަމްޕް ވިދާޅުވެ، އެ ފިޔަވަޅުގެ ސަބަބުން އީރާނަށް ތެލާއި ވިޔަފާރިން ލިބޭ އެތައް މިލިއަން ޑޮލަރެއްގެ އާމްދަނީ ހުއްޓުވިފައިވާ ކަމަށް ދައުވާ ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
އީރާނުން ވަނީ މި ހުރަސްތަކަކީ ޣައިރު ގާނޫނީ އަދި ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު ކަމެއްގެ ގޮތުގައި ކުށްވެރިކޮށްފައެވެ. އަދި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުން އެމެރިކާގެ ސިފައިން ދެ އުޅަނދެއް ހިފެހެއްޓި މައްސަލައިގައި ބަދަލުހިފާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އީރާނުގެ މީޑިއާތަކުން ބުދަ ދުވަހު ރިޕޯޓުކުރި ގޮތުގައި، ދަތުރުފަތުރުގެ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ހޯރްމޫޒް ކަނޑުއޮޅިން މަދުވެގެން ތިން އުޅަނދެއް ހިފަހައްޓާފައެވެ.
މާޗް މަހުގެ ކުރީކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާއި ގުޅިގެން، އީރާނުން ވަނީ ހޯރްމޫޒް ކަނޑުއޮޅިން ކުރާ ދަތުރުފަތުރުތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަން ފަށާފައެވެ.
އީރާނުގެ ކަމާބެހޭ ފަރާތްތަކުން އިޝާރާތްކޮށްފައިވާ ގޮތުގައި، އެމެރިކާއިން އަޅާފައިވާ ޣައިރު ގާނޫނީ ހުރަސްތަކާއި އެހެނިހެން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ، ހޯރްމޫޒް ކަނޑުއޮޅީގައި އަޅާފައިވާ ހުރަސްތަކަށް ލުޔެއް ދީފާނެއެވެ.
މި މައްސަލައަކީ އޭޕްރިލް 12 ގައި ޕާކިސްތާނުގައި އެއްބަސްވުމަކާ ނުލައި ނިމުނު ފުރަތަމަ ބުރަށް ފަހު، އިރާނާއި އެެމެރިކާއާއި ދެމެދު މެދުވެރިއަކު މެދުވެރިކޮށް ބާއްވާ މަޝްވަރާތަކުގެ ދެވަނަ ބުރަކަށް މަގުފަހިކުރުމަށް ކުރާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ކުރިމަތިވެފައިވާ ބޮޑު ހުރަހަކަށް ވަނީ ވެފައެވެ.




