ދެ ހަފުތާގެ މުއްދަތަށް އިއުލާނުކޮށްފައިވާ ސުލްހައިގެ އެއްބަސްވުމުގެ މުއްދަތު ބުދަ ދުވަހު ހަމަވާއިރު، އޭގެ ކުރިން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އީރާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށުމަށް އެމެރިކާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު އިންޒާރު ދެއްވައިފިއެވެ.
އެމެރިކާގެ މީޑިއާތަކާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ސުލްހައިގެ މުއްދަތު އިތުރުކުރަން ބޭނުން ނުވާ ކަމަށާއި، ހަނގުރާމަ މެދުކަނޑާލި މުއްދަތުގެ ބޭނުން ހިފައި ހަތިޔާރާއި ވަސީލަތްތައް ހަމަކުރުމަށްފަހު، އެމެރިކާގެ ސިފައިން ތިބީ އަސްކަރީ ގޮތުން "ދާން ތައްޔާރަށް" އަދި "ނުހަނު ބޭނުންވެފައި" ކަމަށެވެ.
"އުންމީދު ކުރަނީ ބޮން އެޅުމަށް، ސަބަބަކީ އެއީ ކުރިއަށް ދިއުމަށް އޮތް މާ ރަނގަޅު ގޮތެއް ކަމަށް ގަބޫލުކުރެވޭތީ،" އެމެރިކާގެ ކަނޑުގެ ސިފައިން އީރާނު ހިސާރުކޮށްފައި އޮތް އޮތުން އެގޮތުގައި ދެމިއޮންނާނެ ކަމަށް ވިދާޅުވަމުން ޓްރަމްޕް ވިދާޅުވިއެވެ.
މި މޭރުމުން ޓްރަމްޕް ވާހަކަދައްކަވާފައި މިވަނީ، އިސްލާމްއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށް އީރާނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
އަދި ދާދި ފަހުން އީރާނުގެ އުޅަނދެއް އެމެރިކާގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައާ ގުޅިގެން، އެމެރިކާއިން ސުލްހައިގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ. ސުލްހައިގެ މުއްދަތު ހަމަވާން މަދު ގަޑިއިރުތަކަކަށް ވެފައިވާއިރު، މަސްރަހު ވަރަށް ނުތަނަވަސްކޮށެވެ.





