އެއްބަސްވުމަކަށް އަންނަން ބޭނުންނަމަ އިރާންގެ ހައްގުތަކަށް އިހްތިރާމުކުރަން ޖެހޭނެކަމަށް އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގަލީބާފް ވިދާޅުވެއްޖެ އެވެ.
ގަލީބާފް ވިދާޅުވީ، އެމެރިކާއިން އިރާނާއެކު އެއްބަސްވުމަކަށް އަންނަން ބޭނުންވާނަމަ، އިރާނަށް ލިބިގެންވާ ހައްގަތައް ގަބޫލުކުރަންޖެހޭނެ ކަމަށެވެ.
ގަލީބާފް މިހެން ވިދާޅުވީ އެމެރިކާގެ މަންދޫބުންނާއެކު ބާއްވާ މަޝްވަރާތަކަށް ޕާކިސްތާނަށް ވަޑައިގަތުމަށްފަހުގައެވެ.
އިރާނުގެ ރަސްމީ ނޫސް އޭޖެންސީ "އިރްނާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިރާނުގެ ވަފުދުގެ އިސްވެރިޔާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، އެމެރިކާއަށް އިތުބާރު ނުކުރި ނަމަވެސް، އިރާނުން އިސްލާމްއާބާދަށް އައީ އިޚުލާޞްތެރި ނިޔަތަކާއެކު މަޝްވަރާ ކުރުމަށެވެ.
މީގެ ކުރިން ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގައި އެމެރިކާއިން ވެފައިވާ ވަޢުދުތަކާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މިފަހަރުގެ މަޝްވަރާތަކުން ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިދާނެ ކަމުގެ އުންމީދާއި ހެޔޮ ފާލެއް ފެންނަން އެބަހުއްޓެވެ.
މި މަޝްވަރާތަކުގައި ޖޭ.ޑީ ވޭންސް ބައިވެރިވެވަޑައިގަތުމަކީ މަޝްވަރާތަކަށް އައު ދިރުމެއް ލިބިގެންދާނެ ކަމެކެވެ. މީގެ ކުރިން އޮމާންގެ މަސްކަޓުގައި ބޭއްވި މަޝްވަރާތައް ނިމިގެންދިޔައީ އެދެވޭ ނަތީޖާއެއް ނުލިބިއެވެ. ނަމަވެސް ވޭންސްގެ ބައިވެރިވުމާއެކު މަޝްވަރާތަކަށް އިތުރު ބަރުދަނެއް ލިބި، ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.
ވޭންސް ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭއިރު، އޭނާގެ ސެކިއުރިޓީ ޓީމާއި އުޅަނދުތައް މިހާރު ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. މި މަޝްވަރާތަކަށްޓަކައި މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މި މަޝްވަރާތައް ބޭއްވުމުގެ ފުރުސަތު ފަހިވެފައިވަނީ އެކުވެރި ޤައުމުތަކުގެ އެހީތެރިކަމާއެކުގައެވެ. ވަކިން ޚާއްޞަކޮށް ޗައިނާ، ޤަޠަރު، ސައުދީ އަރަބިއްޔާ، މިޞްރު އަދި ތުރުކީވިލާތުން ވަނީ ދެ ފަރާތް އެއްބަސްކުރުވުމުގައި ޕާކިސްތާނުން އަދާކުރާ ދައުރަށް ފުރިހަމަ އެއްބާރުލުން ދީފައެވެ.





