އިސްރާއީލުން އިރުމަތީ ގުދުސް ހިސާރުކޮށް، އީރާނާ ދެކޮޅަށް އެމެރިކާއާ ގުޅިގެން ހިންގި އަސްކަރީ ހަރަކާތްތަކާ ގުޅުވައި 40 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށްފަހު، އަލްއަގްޞާ މިސްކިތް މުސްލިމުންނަށް މިއަދު އަލުން ހުޅުވާލައިފިއެވެ.
އެ ސަރަހައްދުގައި ހުރި އަނަދޯލޫ އެޖެންސީގެ ރިޕޯޓަރު ބުނި ގޮތުގައި، ގުދުސްގެ މުސްކުޅި ސަހަރުގައި ހުންނަ މި މިސްކިތް ހުޅުވާލާފައިވަނީ ފަތިސް ނަމާދުގެ ވަގުތުގައެވެ. މިއާއެކު ފަލަސްތީނުގެ އެތައް ސަތޭކަ މުސްލިމުންނަކަށް އަލްހަރަމް އަލްޝަރީފުގެ ގޯތިތެރެއަށް ވަނުމުގެ ފުރުސަތު ވަނީ ލިބިފައެވެ.
ފަތިސް ނަމާދުގެ ބަންގީގެ އަޑާއެކު މިސްކިތުގެ ދޮރުތައް ހުޅުވާލުމުން، ގިނަ އަދަދެއްގެ މީހުން މިސްކިތަށް ޖަމާވިއެވެ. މީގެ ތެރެއިން ބައެއް މީހުން އުފަލުން ރޮއި، ޝުކުރުގެ ސަޖިދަ ކުރަމުންދިޔަ މަންޒަރު ފެނިފައިވެއެވެ. މިސްކިތް ބަންދުކުރި ފަހުން ޖަމާއަތުގައި ކުރެވުނު ފުރަތަމަ ނަމާދަށް އެތައް ސަތޭކަ މުސްލިމުންނެއް ސަފު ހަދާފައިވެއެވެ.
މިސްކިތް ބަންދުކޮށްފައި އޮތް މުއްދަތުގެ ތެރޭގައި، އޭޕްރިލް 6 ވަނަ ދުވަހު އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ވަނީ ގަދަބާރުން މިސްކިތުގެ ގޯތިތެރެއަށް ވަދެފައެވެ.
އިސްރާއީލުން އަލްއަޤްޞާ މިސްކިތް މުޅިން ބަންދުކުރީ ފެބްރުއަރީ 28 ވަނަ ދުވަހު އީރާނަށް ދިން ހަމަލާތަކާ ދިމާކޮށެވެ. އެ މުއްދަތުގައި މިސްކިތަށް ވަނުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި މިސްކިތުގެ މުވައްޒަފުންނަށާއި އިސްލާމިކް ވަޤުފްގެ އޮފިޝަލުންނަށް އެކަންޏެވެ. އެހެން ފަލަސްތީނީ މީހުންނަށް މަޖުބޫރުވީ ގުދުސްގެ އެހެން ކުދި މިސްކިތްތަކުގައި ނަމާދު ކުރުމަށެވެ.
މީގެ އިތުރުން، މިއަހަރުގެ ފިޠުރު ޢީދު ނަމާދު އަލްއަޤްޞާ މިސްކިތުގައި ކުރުން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހުރަސް އަޅާފައެވެ. މިއީ 1967 ވަނަ އަހަރު އިސްރާއީލުން އިރުމަތީ ގުދުސް ހިސާރުކުރި ފަހުން މިފަދަ ހަރުކަށި ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.
ހަމަ އެ މުއްދަތުގެ ތެރޭގައި، ކްރިސްޓިއަނުންގެ އެންމެ މުގައްދަސް އެއް ބިނާ ކަމަށްވާ "ޗާޗް އޮފް ދަ ހޮލީ ސެޕަލްކަރ" ވެސް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބަންދުކޮށްފައެވެ.





