އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވި ގޮތުގައި، އެމެރިކާ މި ހަނގުރާމައިގެ ތެރެއަށް ދަމައިގަނެވުނީ އިސްރާއީލުން ހެދި ގޯސް އަންދާޒާތަކާއ ހާލަތު ގޯސްކުރުމަށް ރޭވި ރޭވުންތަކުގެ ސަބަބުންނެވެ.
މިކަން ހާމަކޮށްފައިވަނީ އީރާނުގެ 'އިރްނާ' ނިއުސް އެޖެންސީން 'އަލް-މަސްރީ އަލް-ޔައުމް' ނޫހަށް އޭނާ ދެއްވި ބަސްދީގަތުމަކާ ހަވާލާދީއެވެ.
"ދުނިޔޭގެ އެއްވެސް ބަޔަކަށް މިހާރު އެމެރިކާގެ ޚާރިޖީ ސިޔާސަތަށް އިތުބާރެއް ނުކުރެވޭނެ. އެމީހުން ޑިޕްލޮމަސީ އާއި މަޝްވަރާތައް ބޭނުންކުރަނީ ހަމައެކަނި އެމީހުންގެ ޝަރުތުތައް މަޖުބޫރުކުރުވުމަށް ނުވަތަ ބާރުގެ ބޭނުންކުރުމުގެ ކުރިން ދައްކާ ބަހަނާއެއްގެ ގޮތުގައި،" އޭނާ ވިދާޅުވިއެވެ.\
މީގެ އިތުރުން، އީރާނުގެ އާ ލީޑަރު މުޖުތަބާ ޚާމަނާއީގެ ސިއްހީ ހާލުކޮޅު ވަރަށް ރަނގަޅު ކަމަށާއި، އާންމުންގެ ތެރެއަށް އެމަނިކުފާނު ފެނިވަޑައިނުގަންނަވަނީ މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބަގާއީ އިތުރަށް ވިދާޅުވީ، އެމެރިކާއާއެކު މަޝްވަރާކުރުމަށް އީރާނުގެ ރައްޔިތުން ތައްޔާރު ނޫން ކަމަށެވެ. ސަބަބަކީ މީގެ ކުރިން ކުރެވުނު މަޝްވަރާތަކަކީވެސް އެމެރިކާއިން އެމީހުންގެ އެދުންތައް ގަދަކަމުން ތަންފީޒުކުރުމަށް ބޭނުންކުރި އުކުޅަކަށް ވާތީއެވެ.
މިނާބްގައި ހުންނަ 'ޝަޖަރޭ ތައްޔިބާ' އަންހެން ކުދިންގެ ސުކޫލަށް ދިން ހަމަލާއަކީ ވޭތުވެދިޔަ މަސްދުވަހުގެ ތެރޭގައި އެމެރިކާއިން ހިންގާފައިވާ ރަހުމުކުޑަ އަމަލުތަކުގެ އެންމެ މިސާލެއް ކަމަށާއި، އެ ހަމަލާގައި 170 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.



