އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، އެމެރިކާއަށް ހަތިޔާރު އެކްސްޕޯޓް ކުރުން ސްވިޒަލޭންޑުން ހުއްޓާލައިފިއެވެ.
ސްވިޒަލޭންޑް ސަރުކާރުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމަކީ ވަކި ފަރާތަކަށް ނުޖެހޭ ގައުމަކަށް ވާތީ، އީރާނާއެކު ހިނގަމުންދާ ބައިނަލްއަގުވާމީ ހަނގުރާމައިގައި ބައިވެރިވާ ގައުމުތަކަށް ހަތިޔާރު ފޮނުވުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ.
"މިވަގުތު އެމެރިކާއަށް ހަނގުރާމަވެރި މާއްދާތަކާއި ހަތިޔާރު އެކްސްޕޯޓް ކުރުމުގެ ހުއްދައެއް ނުދެވޭނެ،" އެ ބަޔާނުގައިވެއެވެ.
މި ނިންމުމާ ދިމާކޮށް، ޗެކް ރިޕަބްލިކްގައި ހުންނަ އިސްރާއީލުގެ "އެލްބިޓް ސިސްޓަމްސް" އާ ގުޅުންހުރި ކާރުޚާނާއެއްގައި ވަނީ ރޯކޮށްލާފައެވެ. މި ހަމަލާގެ ޒިންމާ "ދަ އާތުކުއޭކް ފެކްޝަން" ކިޔާ ބަޔަކު ވަނީ އުފުލާފައެވެ. އެ ގްރޫޕުން ބުނި ގޮތުގައި މިއީ ގާޒާ އާއި އީރާނުގައި މީހުން މެރުމަށް ބޭނުންކުރާ ހަތިޔާރު އުފައްދާ މަރުކަޒެއް ނައްތާލުމަށް ދިން ހަމަލާއެކެވެ.
"އެލްބިޓް ސިސްޓަމްސް" އަކީ އިސްރާއީލުގެ އަސްކަރިއްޔާއަށް ބޭނުންވާ އެއްގަމާއި ވައިގެ ހަތިޔާރު ފޯރުކޮށްދޭ މައިގަނޑު އެއް ކުންފުންޏެވެ. މި ހަމަލާގައި އެ ސަރަހައްދުގައި ހުރި ބައެއް އިމާރާތްތައް މުޅިން އަނދައި ހުލިވެފައިވާއިރު، ޗެކް ފުލުހުން ދަނީ މިއީ ޓެރަރިސްޓް ހަމަލާއެއްތޯ ބަލައި ތަހުގީގު ކުރަމުންނެވެ.
އީރާން ހަނގުރާމަ ވަރުގަދަވަމުންދާ ވަގުތެއްގައި، ހުޅަނގުގެ ބައެއް ގައުމުތަކުން އެމެރިކާއަށް ހަތިޔާރު ފޯރުކޮށްދިނުމަށް ފަސްޖެހެމުންދާއިރު، ހަތިޔާރު އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ވެސް ދަނީ އިތުރުވަމުންނެވެ.




