ފަލަސްޠީނުގެ ދެ ސަރަޙައްދެއްގައި އިޒްރޭލުގެ ސިފައިން ދިން ޙަމަލާތަކެއްގައި ފަލަސްޠީނުގެ އިތުރު ދެ މީހަކު ޝަހީދުވެއްޖެއެވެ.
ޣައްޒާގެ އުތުރުގައި ޔަހޫދީން ދިން ޑްރޯން ޙަމަލާއެއް އަމާޒުކޮށްފައި ވަނީ ސުންނާފަތިވެފައިވާ ގެއެއް ބަލައިލުމަށް ގޮސް އުޅުނު ކުޑަކުދިންތަކަކަށެވެ. މި ޙަމަލާގައި އެއް ކުއްޖަކު ޝަހީދުވެފައިވާއިރު، ޚާން ޔޫނިސްގެ ބަނީ ސުޙައިލާގައި އުމުރުން 20 އަހަރުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހައި ވަނީ ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން އަލްމުޣްރަޤާ އާއި އަލްމަވާސީ ސަރަޙައްދުގައި ދިން ޙަމަލާތަކުގައި ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، ޔަހޫދީން ދަނީ މެދުކެނޑުމެއްނެތި ޣައްޒާއަށް ޙަމަލާދެމުންނެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން މިހާތަނަށް ޣައްޒާގެ 600 ރައްޔިތުން ޝަހީދުވެ، 1,600 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން، ބަލިމީހުންނަށް ބޭނުންވާ ބޭސްފަރުވާ ހޯދުމަށް ވެސް ޔަހޫދީން ދަނީ ހުރަސްއަޅަމުންނެވެ.
އދގެ އިންސާނީ ކަންކަމާ ބެހޭ އިދާރާ އޯސީއެޗްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، އަވަސް ފަރުވާއަށް ޣައްޒާއިން ބޭރުވާން ޖެހިފައިވާ 18,500 މީހުންގެ ތެރެއިން ރަފަޙް ހުރަސް މެދުވެރިކޮށް ފުރުޞަތު ދީފައިވަނީ އެންމެ 260 މީހުންނަށެވެ. މިޞްރުން ދުވާލަކު 50 މީހުންނަށް ފުރުޞަތު ދޭނެ ކަމަށް ބުނި ނަމަވެސް، އިޒްރޭލުގެ ހުރަސްތަކާ ހުރެ ދުވާލަކު ބޭރުވެވެނީ އެންމެ ފަސް ބަލިމީހުންނަށެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔުއެޗްއޯ ގެ ޑިރެކްޓަރ ޖެނެރަލް ޓެދްރޮސް އަދަނަމް ގެބްރިއޭސުސް ވަނީ ބަލިމީހުންނަށް ޚާއްޞަ މަގުތައް ހުޅުވައިލުމަށް ގޮވާލައްވާފައެވެ. އޭނާ އިތުރަށް ވިދާޅުވީ ޣައްޒާގެ ޞިއްޙީ ޚިދުމަތްތައް އިތުރުކޮށް، ސުންނާފަތިވެފައިވާ އިމާރާތްތައް މަރާމާތުކޮށް ފަރުވާ ދިނުމަށް ބޭނުންވާ ސާމާނު ވަގުތުން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
ރަފަޙް ހުރަސް މެދުވެރިކޮށް ޣައްޒާއަށް އެނބުރި އަންނަ މީހުންނަށް ވެސް ޔަހޫދީ ސިފައިން ދަނީ ބޮޑެތި ގޯނާތަކެއް ކުރަމުންނެވެ. އެނބުރި އަންނަ މީހުންގެ ކަނުބަނދެ، ގަޑިއިރުތަކެއް ވަންދެން ސުވާލުކޮށް، ނަފްސާނީ ގޮތުން ބަލިކަށިކޮށްލާ ކަމުގެ ރިޕޯޓުތައް ވަނީ ފެންމަތިވެފައެވެ. ފެބްރުއަރީ 11 އާ ހަމައަށް ޣައްޒާއަށް އެނބުރި ވަދެވިފައިވަނީ އެންމެ 269 މީހުންނަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




