މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް 2022 ގައި ފުވައްމުލަކުގެ ޒުވާނެއް ކަމަށްވާ ޝިއާއު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގައި ދައުވާލިބޭ ސާހިލް އަލީގެ މައްޗަށް ސާބިތުވި ދެ ދައުވާއަކާ ގުޅިގެން އިއްވި 3 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފިއެވެ.
މި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ސަބަބަކީ، ދަށު ކޯޓުގެ ނިންމުން އިސްތިއުނާފު ކުރަންޖެހޭ ފަދަ ގާނޫނީ ހާލަތެއް ބަޔާންކޮށްދެވިފައި ނުވުމެވެ. ސާހިލްގެ ފަރާތުން މި މަހުގެ 23 ވަނަ ދުވަހު މި މައްސަލަ އަލުން ހުށަހެޅީ، ކުރިން ހުށަހެޅި މައްސަލަ ލިޔެކިޔުމުގެ މައްސަލައަކާ ހުރެ ބަލައިނުގަތުމުންނެވެ.
ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ދައުލަތުން ކުރާ 5 ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ސިއްރުކޮށްގެން ކުރިއަށްދާއިރު، ހައި ކޯޓުގެ ރަޖިސްޓްރީއިން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ސާބިތުވެ 3 އަހަރާއި މަހަކާއި 6 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ:
-
މަސްތުވާތަކެތީގެ މައްސަލައެއްގައެވެ.
-
އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެއްގައެވެ.
ސާހިލަށް ކުރާ ބާކީ ހުރި ދައުވާތަކުގެ ޝަރީއަތް ނިމި، ދެން އޮތީ ހުލާސާ ބަޔާން އިއްވުމެވެ. ނަމަވެސް ޓެކްނިކަލް މައްސަލައަކާ ހުރެ އެކަމަށް ބާއްވަން އުޅުނު އަޑުއެހުން ވަނީ ކެންސަލްވެފައެވެ. މީގެއިތުރުން، ދައުލަތުން ހަމަޖައްސައިދިން ވަކީލުންނަށް ސާހިލް އެއްބާރުލުން ނުދޭތީ، އޭނާއަށް އިތުރަށް ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސައިނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ.




