މެދުއިރުމަތީގެ މަޝްރަހަށް އަންނަމުންދާ ބަދަލުތަކާއެކު، ސާފުނުކުރާ ތެޔޮ ނުވަތަ ކްރޫޑް އޮއިލް ސަޕްލައި ކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މި ހަފުތާގައި އަނެއްކާވެސް އުފުލިއްޖެއެވެ.
މިހާރު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 69.75 އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ. އަދި ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ފީފާއެއްގެ އަގު ވަނީ 65.00 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. ބްރެންޓް ކްރޫޑްގެ އަގު މިދިޔަ މަހު ހުރީ 64 އެމެރިކާ ޑޮލަރުގައެވެ. އަދި ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ފީފާއެއްގެ އަގު ހުރީ 60 ޑޮލަރުގައެވެ.
ތެލުގެ އަގު އުފުލިފައިވަނީ އެމެރިކާ އާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަމާ ގުޅިގެންނެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް ވަނީ ކޮޅެއްގައި ނުޖެހިފައެވެ. އެމެރިކާއިން މިހާރު ވަނީ މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ، އިތުރު އަސްކަރީ މަނަވަރުތައް އެ ސަރަހައްދަށް ފޮނުވައި ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. މިގޮތުން އެމެރިކާގެ އަސްކަރީ ބާރު ދެއްކުމުގެ ގޮތުން މިހާރު މެދުއިރުމަތީ ގައި އޮތް އެމެރިކާގެ އެއަރކްރާފް ކެރިއަރ ޔޫއެސްއެސް އެބްރަހަމް ލިންކަންގެ އިތުރަށް ދެވަނަ އެއާކްރާފްޓް ކެރިއަރެއް ވެސް އެ ސަރަހައްދަށް ފޮނުވުމަށް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.
އީރާނުގެ ލީޑަރުން ވެސް ވަނީ އެމެރިކާއިން އަސްކަރީ ފިޔަވަޅެއް އެޅުމާ ދެކޮޅަށް ވަރުގަދަ އިންޒާރުތަކެއް ދީ، ގައުމު ދިފާއު ކުރާނެ ކަމަށް ބުނެފައެވެ. މި ކުރިމަތިލުންތަކުގެ ސަބަބުން ތެޔޮ ސަޕްލައި އަށް ބުރޫއަރާފާނެތީ ދުނިޔޭގެ ތެލުގެ މާކެޓްތަކުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.
ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ސްޓްރެއިޓް އޮފް ހޯމޫޒް ކަނޑުއޮޅިއަށް ކުރިމަތިވެދާނެ ނުރައްކަލެކެވެ. އެ ސަރަހައްދުގައި ހަމަނުޖެހުމެއް ހިނގައިފާނެ ކަމުގެ ބިރު އޮތުމުން، ތޮޔޮ ވިއްކާ ފަރާތްތަކުން ތެލުގެ އަގަށް "ރިސްކް ޕްރީމިއަމް" އެއް މިހާރުވެސް އިތުރުކުރެއެވެ.
ދުނިޔޭގެ އިގްތިސާދީ ދުވެލި މަޑުޖެހިފައިވާ މި ދަނޑިވަޅުގައި އިރާނުގެ މައްސަލައާއި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ވަނީ މަތީ މިންވަރެއްގައި ދަށްނުވެ ހިފެހެއްޓިފައެވެ. މަޝްރަހު އިތުރަށް ގޯސްވެއްޖެނަމަ، ހަކަތައިގެ ބާޒާރުގައި އަގުތަކަށް އަދިވެސް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




