19 ވަނަ ގަރުނުގެ ފަހުކޮޅު އިނގިރޭސި އިސްތިއުމާރީ ބާރުތަކުން ނައިޖީރިއާއިން ފޭރިގަނެގެން ގެންގޮސް، އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވަސިޓީގައި ބަހައްޓާފައި ހުރި 100 އަށްވުރެ ގިނަ އާސާރީ ތަރިކަ، ނައިޖީރިއާ ސަރުކާރާ އަލުން ހަވާލުކޮށްފިއެވެ.
"ބެނިން ބްރޮންޒަސް" ގެ ނަމުން މަޝްހޫރުވެފައިވާ މި ތަކެއްޗަކީ، 1897 ވަނަ އަހަރު އިނގިރޭސި ސިފައިން ބެނިން ސިޓީ އިސްތިއުމާރު ކުރި ދުވަސްވަރު އެ ސިޓީން ވަގަށް ނަގައިގެން ގެންގޮސްފައިވާ ތަކެއްޗެވެ. މި ތަރިކަތަކުގެ ތެރޭގައި 15 ވަނަ ގަރުނާއި 19 ވަނަ ގަރުނާ ދެމެދު އުފައްދާފައިވާ ބުދުތަކާއި، ކުރެހުން އެޅި ފިލާގަނޑުތަކުގެ އިތުރުން ކަނޑާނަގާފައިވާ އަގުބޮޑު ފަންނީ މަސައްކަތްތައް ހިމެނެއެވެ. މިއީ ނައިޖީރިއާގެ ދީނީ އަދި ތާރީހީ ތަރިކައިގެ ތެރެއިން ވަރަށް މުހިއްމު ތަކެއްޗެވެ.
މި ތަކެތި އަނބުރާ ހަވާލުކުރުމަށް ނިންމާފައިވަނީ 2022 ވަނަ އަހަރު ނައިޖީރިއާ ސަރުކާރުން ހުށަހެޅި ރަސްމީ އިލްތިމާސަކާ ގުޅިގެން، ޔޫކޭ ޗެރިޓީ ކޮމިޝަނުން އެކަމުގެ ހުއްދަ ދިނުމާ ގުޅިގެންނެވެ. ކެމްބްރިޖް ޔުނިވަސިޓީއާއި ނައިޖީރިއާގެ ނޭޝަނަލް ކޮމިޝަން ފޯ މިއުޒިއަމްސް އެންޑް މޮނިއުމެންޓްސް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖުމްލަ 116 އާސާރީ ތަކެތި އަނބުރާ ގައުމަށް ފޮނުވާލުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ނައިޖީރިއާގެ ނޭޝަނަލް ކޮމިޝަން ފޯ މިއުޒިއަމްސް އެންޑް މޮނިއުމެންޓްސްގެ ޑައިރެކްޓަރ ޖެނެރަލް އޮލުގްބިލޭ ހޮލޯވޭ ވިދާޅުވި ގޮތުގައި، މިއަހަރު ނިމުމުގެ ކުރިން މި ހުރިހާ ތަކެއްޗެއް ނައިޖީރިއާއަށް ގެންގޮސް ނިންމޭނެ ކަމަށް އުންމީދު ކުރެވެއެވެ.
"މި ތަކެތި އަނބުރާ ލިބުމަކީ ހަމައެކަނި މާއްދީ ތަކެއްޗެއް ލިބުމެއް ނޫން. މިއީ މި ތަކެތި ގެންދިޔުމުގެ ސަބަބުން އަޅުގަނޑުމެންގެ ކިބައިން ގެއްލިގެންދިޔަ ޝަރަފާއި އިއްޒަތް އަލުން އިއާދަވުން،" ހޮލޯވޭ ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




