މޯލްޑިވް ގޭސްގެ ރިޝްވަތު މައްސަލާގައި ބާކީ އޮތް ފަސް ދައުވާ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާން)ގެ މައްޗަށް ސާބިތުނުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
މައުމޫނުގެ މައްޗަށް ދައުވާ އުފުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ އެމްޑީއަކަށް ހުރިއިރު ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުން ހުރި އެކައުންޓުތަކަށް ޖުމްލަ 298،403.5 ޑޮލަރު (4.6 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ މައްސަލާގައެވެ.
މި މައްސަލާގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް ކުރިއިރު އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ، 12 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އިއްވާފައެވެ.
ދެން އޮތް ފަސް ދައުވާ ނިންމާ ކޯޓުން އިއްވި ހުކުމުގައިވަނީ އެ ދައުވާތަކުގެ ރުކުންތައް މައުމޫންގެ މައްޗަށް ސާބިތުނުވާ ކަމަށެވެ. އެގޮތަށް ނިންމީ ދައުލަތުން ހުށަހަޅާފައިވާ ގޮތަށް މައުމޫންގެ އަމިއްލަ އެކައުންޓަށް އެ ފައިސާ ވަދެފައިވާކަން އެނގެން ނެތް ކަމަށް ބޫލުކުރެވޭތީ ކަމަށް ހުކުމުގައިވެއެވެ.
މި ނިންމުން އިސްތިއުނާފުކުރަން ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


